ބޮލީވުޑް މަސައްކަތްތަކުގައި ވަރަށް ގިނަ ވަގުތު ގެއިން ބޭރުގައި އުޅެން ޖެހޭ ކަމަށާއި އެހެން ކަމުން ގޭތެރޭގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ނަގަނީ އަންހެނުން އައިޝްވާރްޔާ ރާއީ ކަމަށް އަބީޝޭކް ބައްޗަން ބުނެފި އެވެ.

"ގޫމަރް"އިން އެންމެ އަވަހަށް ފެންނާނެ އަބީޝޭކް ބުނީ ގޭތެރޭގެ ކަންކަމުގައި އޭނާއަށް އަމަލީ ގޮތުން މާ ބޮޑަށް ހަރަކާތްތެރި ނުވެވޭ ކަމަށެވެ.

ގޭތެރޭގެ ކަންކަން އައިޝްވާރްޔާ ކުރަނީ ކުރާ ހިތުން އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށް ބުނަމުން އަބީޝޭކް ވަނީ އެކަމަށްޓަކައި އައިޝަވާރްޔާއަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

އައިޝްވާރްޔާއަކީ ވެސް މީގެ ކުރިން ކާމިޔާބު ފިލްމީ ކެރިއަރެއް އޮތް ފަންނާނެއް ނަމަވެސް ކައިވެނިކޮށް ދަރިއަކު ލިބުމަށްފަހު އޭނާ ވަނީ ފިލްމީ މަސައްކަތްތަކުން ވަރަށް ބޮޑަށް ދުރުވެފަ އެވެ.

2007 ވަނަ އަހަރު ކައިވެނިކުރި އަބީޝޭކްއާއި އައިޝްވާރްޔާއަށް 2011 ވަނަ އަހަރު އަންހެން ދަރިއަކު ލިބިފައިވެ އެވެ. އެއީ އާރަދްޔާ ބައްޗަން އެވެ.