ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް އިއުލާން ކޮށްފި އެވެ.

ސަރުކާރުން ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައި ގޯތި ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 10،314 މީހެކެވެ. އެހެން ނަމަވެސް ރޭ ދަންވަރު ޕްލޭނިން މިނިސްޓްރީން އާންމުކުރި ދާއިމީ ލިސްޓްގައި 18،955 މީހުންނަށް ގޯތި ލިބެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓުގައި "ފުރަތަމަ ބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަކީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތައް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި ދާއިމީ ލިސްޓުގައި "ދެވަނަބުރުގެ ލިސްޓުގައި ހިމެނޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ބުނީ ދާއިމީ ލިސްޓުގެ "ފުރަތަމަ ބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކުން އެމިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ގޯތީގެ ގުރުއަތުލުމާއި ގޯތި ކެނޑުމުގެ ކަންކަން ކުރިޔަށް ގެންދެވުމަށް ދަންނަވާ ކަމަށެވެ.

މިގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސްއެމްއެސް އަދި އީމެއިލްގެ ޒަރީއާއިން އަންގަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލޭން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި އެވެ.