"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށައިފި އެވެ.

ގުރުއަތުލުން ފެށީ މިއަދު މެންދުރު ކުރި، 12:00 ހާއިރު، ގަލޮޅު ދަނޑުގަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ފުރުސަތުގައި 23،000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފަ އެވެ. މީގެ ތެރިން މި ދައުރުގަައި 18،955 މީހުންނަށް ގޯތި ދޭނެ އެވެ.

ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18،955 މީހުންގެ މެދުގަ އެވެ. ގުރުއަތު ނަގަން މިހާރު ފަށާފައިވާއިރު، ފުރަތަމަ ދެ ދުވަހު ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށްގެންދަނީ ގަލޮޅު ދަނޑުގަ އެވެ. އަދި އެއަށްފަހު ގުރު ނެގުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގުރުއަތު ނެގުން ކުރިއަށްގެންދަނީ ފޯމު ހުށައެޅި ތަރުތީބުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ކުރިޔަށް ގެންދަނީ.

ދާއިމީ ލިސްޓް އިއުލާން ކުރިއިރު، އެ މީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފަ އެވެ. ގުރުއަތުން ނަގާ ކަރުދާސްކޮޅުގައި އެ މީހަކަށް ގޯތި ލިބޭ ތަނާއި، ޕްލޮޓް ނަންބަރު އެނގޭނެ އެވެ.

ސަރުކާރުން ގޯދި ދިނުމަށް ކަނޑައަޅާފައި ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. ގުރުއަތު ނަގާ ކަރުދާސްކޮޅުތައް އަޅާފައިވާ ބަކެޓްގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ޕްލޮޓްތައް ވެސް ހިމެނޭނެ އެވެ. އެ މީހަކަށް ގޯތި ލިބެނީ، ނަގާ ކަރުދާސްކޮޅުގައި އޮންނަ ރަށެއްގެ ޕްލޮޓް ނަންބަރަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުރުއަތު ނެގުމުގެ މަސައްކަތް 7-10 ދުވަހުން ނިންމާލެވޭނެ ކަމަށެވެ. އަދި ގޯތީގެ ލިޔުން މިއަދުވެސް ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ގޯތީގެ ލިޔުން ދޭނީ ނަމެއްގައި ދޭ ލިޔުމެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި ހަވާލުކުރާނީ ގޯތީގެ ރަޖިސްޓްރީ ކަމަށާއި، އޭގެ މަސައްކަތްތައް މިއަދުން ފަށައިގެން ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ކުރިޔަށް ގެންދަނީ.

"އަޅުގަނޑުމެން ދެން ފަށާނީ ގޯތީގެ ލިޔުން ހަވާލުކުރުން. މިއަދު ގުރުއަތު ނެގި ވަގުތު ހަވާލުކުރަން މަސައްކަތްކުރީ. ނަމަވެސް ގަޑިއަށް ކުޑަ ބަދަލެއް އައުމާއި ގުޅިގެން ނުފެށުނީ. މަސައްކަތް މިކުރަނީ މިއަދުވެސް ލިޔުން ހަވާލުކުރަން ފެށޭތޯ،" އަކްރަމް ވިދާޅުވި އެވެ.

ގޯތި ލިބޭ މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ، ގޯތި ކަނޑާ، ޕްލޮޓް ބެލޭނެ އިންތިޒާމް މިއަދު ހަވީރުން ފެށިގެން ކުރިއަށްދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ގޯތި ލިބުނު މީހުންގެ ތެރެއިން، މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިން ވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.