"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތު ނެގުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނެ ޖާގައެއް ނޯންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިފަދައިން ބުނެފައިވަނީ މާލޭ ސަރަހައްދުން ހިލޭ ދޫކުރާ ބިންތަކުގެ ތެރެއިން، ބިން ލިބޭތަން ކަނޑައަޅަން ނަގާ ގުރުއަތުގެ ތެރެއިން މަކަރު ހަދައި ވަކި ބަޔަކަށް ހުޅުމާލެއިން ބިން ދޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ވަގުތެއްގައި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގޯތި ދޭނެ ތަންތަން ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ވަގުތުން ފެންނަކަމަށާއި އެކަމުގައި މަކަރު ހަދަން ނުވަތަ އޮޅުވާލަން މަސައްކަތް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވުމަށް އޮންނަ ގަޑިއަށް ނާދެވޭ މީހުންގެ ކަރުދާސްކޮޅު އޮފިޝަލުން ނުނަގާނެ ކަމަށާއި ގުރުއަތުލުން ކުރިއަށް ދަންދެން އެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ މިމަހުގެ 20 ވަނީ ދުވަހުގެ ނިޔަލަށް ގުރުއަތުލުން ކުރިއަށްދާނެ ކަމަށާއި، ގުރުއަތުލުމަށް ނާންނަ މީހުންނަށް އެ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19،639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެތެރިން މި ދައުރުގައި 18955 މީހުންނަށް ގޯތި ދޭނެ އެވެ. ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18،955 މީހުންގެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގޯތި ކެނޑުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.