އައިއޯއައިޖީގައި ވާދަކުރާ ފުރަތަމަ ފަހަރު ވެސް ޓައެކްވަންޑޯ ޓީމުން ރަން މެޑެއްޔަށް އަމާޒު ހިފައިފި އެވެ.

ފަސް އެތްލީޓުންނާ އެކު ޓީމް ތައްޔާރުވަމުން އަންނަނީ މޮރޮކޯގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މޮރޮކޯ ކޯޗު އަދުނާން ކަނާނޭއާ އެކު ޓީމް ތައްޔާރުވަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

އަދުނާން ބުނީ އޭނާ ޓީމާ ހަވާލުވެ ރައްޖެ އައީ އަމާޒުތަކެއް ކަނޑައަޅައިގެން, އެކަން ހާސިލްކުރަން ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއަމާޒުތަކަށް ވާޞިލްވެސް ދެން އޮތީ މެޑަލް ހޯދުން ކަމަށެވެ. ކޯޗު ބުނީ އޭނާގެ އަމާޒަކަށް ވެފައި އޮތީ ރަނގަޅު ޓީމެއް އެކުލަވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓީމު މިހާރު ހުރިހާ ގޮތަކުން ވެސް ކުރިއެރުން ހޯދައިފި ކަމަށާއި، މެންޓަލީ އަދި ފިޒިކަލީ ވެސް ޓީމް އޮތީ ތައްޔާރަށް ކަމަށް އަދުނާން ބުންޏެވެ.

އައިއޯއައިޖީ ގައި ވާދަކުރާ ޓައެކްވަންޑޯ ޓީމުން ތަމްރީނު ހަދަނީ.

"ޓީމް އޮތީ ތައްޔާރަށް, ތައްޔާރުވުންތައް ދަނީ ރަނގަޅަށް. ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މިދަނީ. އަހަރެމެންގެ އޮތީ ވަރަށް ވަރުގަދަ ޓީމެއް. އިންޝާالله އަހަރެމެން ދާނީ މެޑަލް ހޯދަން. މިހާރު އޮތީ މެޑަލް ހޯދޭނެ ރަނގަޅު ޓީމެއް،" އަދުނާން ބުންޏެވެ.

ރާއްޖޭގެ ޓީމުގެ އެތުލީޓުން ބުނީ ކޯޗާ އެކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށާއި ރަން މެޑަލް ހޯދޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ސްޕީޑް ވެސް, ފިޓްނަސް ލެވެލް ވެސް، ރިފްލެކްސް ވެސް، އިމްޕްރޫވް ވެއްޖެ. ޓާގެޓަކީ ހަމަ ރާއްޖެ އަށް ގޯލްޑް މެޑަލްއެއް ހޯދއިދިނުން. ވަރަށް އުއްމީދު އެބައޮތް ހޯދައިދެވޭނެ ކަމަށް،" ޓީމުގައި ހިމެނޭ އަންހެން އެތުލީޓު، ފާތިމަތު އިބްރާހީމް ބުންޏެވެ.

ރާއްޖޭގެ ޓީމްގެ ފިރިހެން އެތްލީޓް އަހުމަދު ފަޒީލް ބުނީ އަލަށް އައިއޯއައިޖީގައި ވާދަކުރާ ފަހަރު ވެސް ހުރިހާ ކުދިންގެވެސް އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށެވެ. އޭނާ ބުނީ ކުރެވޭނީ މަސައްކަތް ކަމަށާއި، ޓީމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.