މަޑަގަސްކަރައިގައި މި މަހު 25 ވަނަ ދުވަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށްގެން މީގެ ދެތިން މަސް ކުރިން ގައުމީ ޓެނިސް ޓީމުން ޕްރެކްޓިސް ފަށާފައިވާއިރު، ގޭމްސް އިން ކާމިޔާބު ހޯދުމުގެ ވިސްނުމުގައި މެޑަލް ޓާގެޓެއްގެ އިތުރުން ކުރިއެރުމަށް ވެސް ފޯކަސް ކުރާނެ ކަމަށް ގައުމީ ޓެނިސް ޓީމުގެ ކޯޗު އީވޯ އާއި ކުޅުންތެރިން ބުނެފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓެނިސް ޓީމުން އެންމެ ފަހުން ވާދަކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، އަނެއްކާ ވެސް ޓެނިސް ޓީމެއް އައިއޯއައިޖީ އަށް އަންނައިރު، ހާލަތު އޮތީ ވަރަށް ބަދަލުވެފަ އެވެ. ޓެނިހުގައި ގިނަ ކުޅުންތެރިންތަކެއް މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގައި ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭރުގެ ސްކޮލަޝިޕްތަކުގައި ވެސް ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިން އަންނަނީ ތަމްރީން ހޯދަމުންނެވެ.

ގައުމީ ޓެނިސް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފިރިހެން ސިންގަލްސް ޗެމްޕިއަން، އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ބުނީ މީގެ ކުރިން ރާއްޖެ އަށް އައިއޯއައިޖީގައި ހަތަރު ވަނަ ލިބިފައިވުމުން މި ފަހަރު އަމާޒުހިފަން ޖެހޭނީ އެ އަށް ވުރެ ރަނގަޅަށް ނިންމާލުމަށް ކަމަށެވެ.

"ކުރިން ސެމީ ފައިނަލްގައި ބަލިވެއްޖިއްޔާ ވެސް ބްރޮންޒް ލިބޭ. ދެން އެ ފަހަރު ރޫލް އިން ގޮތުން، ޖެހުނީ ބްރޮންޒް މެޗެއް ކުޅެން، ދެން ނާކާމިޔާބުވީ، އެހެންވީމަ މި ފަހަރު މި ބަލަނީ އެ އަށް ވުރެެ ކުރިއަށް ދާން. މެޑަލް ޓާގެޓެއްގައި މަސައްކަތް މި ކުރަނީ، ދެން ޖޫނިއާ ކުޅުންތެރިން ވެސް ގިނަ މި ފަހަރު، އެކަމު، މި ބަލަނީ އެ މީހުންގެ ހާޑް ވޯކާއި ޑެޑިކޭޝަންއާ އެކު، ރަނގަޅު ކާމިޔާބެއް އެޗީވްކުރަން،" ފާއީ ބުންޏެވެ.

ގައުމީ ޓެނިސް ޓީމުގެ ކޯޗު އީވޯ

ފާއީ ބުނީ މިހާރު އޮތް ސްކޮޑަކީ ތަޖުރިބާ އާއި ހުނަރަށް ބަލާއިރު، ވަރަށް ރަނގަޅު ޓީމެއް ކަމަށާއި މަސައްކަތް ކޮށްގެން ކުރިއެރުމާއި ކާމިޔާބު ހޯދޭނެ ކަމަށެވެ.

ރާއްޖެ ޓީމުގެ ކޯޗު އީވޯ ބުނީ ބައިނަލްއަގުވާމީ ކޮންމެ މުބާރާތަކީ ވެސް ޗެލެންޖެއް ކަމަށެވެ. އެ ގޮތުން، އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަށް ބަލާއިރު، އެ ތަންތަނުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބޭނެ ކަމަށާއި ޖެހޭނީ މި ކުރެވޭ ޕްރެކްޓިސްތަކާއި މި ކުޅެމުން އަންނަ މުބާރާތްތަކުން ދަސްވާ ކަންކަން ވީ އެންމެ ރަނގަޅަށް ބޭނުންހިފަން ކަމަށް އީވޯ ވަނީ ބުނެފަ އެވެ.

އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން، ރީޔޫނިއަންގައި ފްރާންސަށް ނިސްބަތްވާ ރަނގަޅު ކުޅުންތެރިން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އީވޯ ވަނީ ބުނެފަ އެވެ. އެކަމަކު، މީގެ ވިސްނަން ޖެހޭނެ ކަމަކީ ކުރަން ޖެހޭ މަސައްކަތްތަކަށް ފަރުވާ ބަހައްޓައިގެން އަމިއްލަ ކަންކަން ރަނގަޅު ކުރުން ކަމަށް އީވޯ ބުންޏެވެ.

"ރަނގަޅު ވާހަކައެއް، މި ގައުމުތަކުގައި ލެވަލްތަކުގެ ތަފާތު ހުންނާނެ، ދެން މުބާރާތް ކުޅެން މި ޖެހޭ މާހައުލު، މަޑަގަސްކަރާ އަކީ ރާއްޖޭގެ އެތުލީޓުން މި ކުޅޭ މޫސުމާ ތަފާތު މޫސުމެއް އޮތްތަނެއް، އެކަމަކު، އަހަރެން ބުނާނީ މި ހުރިހާ ކަންޑިޝަން އަކަށް ހޭނިގެނޭ ކުރިއަށްދެވޭނީ،" އީވޯ ބުންޏެވެ.

ޓެނިސް ޓީމުގެ ކުޅުންތެރިން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ދުރާލާ ޕްރެކްޓިސްތައް ފަށައިގެން، މި އަހަރުގެ އިންޓަނޭޝަނަލް މުބާރާތްތަކުގައި ލިބުނު ތަޖުރިބާގެ ބޭނުން މި ފަަހަރު އައިއޯއައިޖީގައި ހިފޭނެ ކަމެވެ. އެހެންކަމުން، ކުރިއަށް ވުރެ ރަނގަޅު ނަތީޖާތަކެއް މި ފަހަރުގެ ގޭމްސްގައި ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ކުޅުންތެރިން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓެނިސް ޓީމު އެންމެ ފަހުން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، އޮތް ސްކޮޑަށް މި ފަހަރު ވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ.