ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންއަކީ ވަރަށް މޮޅު ކައްކާއެއް ކަމަށް އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ޚާން ބުނެފި އެވެ.
ކަރީނާ މިހެން ބުނެފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. އެ އިވެންޓުގައި އޭނާ ވަނީ އޭނާގެ އާއިލާއާއި ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
ކަރީނާ ބުނީ ސައިފް ހުރިހާ ވައްތަރެއްގެ ކެއުންތައް ވެސް ތައްޔާރުކުރާ ކަމަށާއި އޭނާ އެކަން ދަސްކުރީ އިންޓަނެޓުން ރެސިޕީތައް ބަލައިގެން ކަމަށެވެ.
"އަހަރުމެން ބޭރަށް ދިއުމުގެ ބަަދަލުގައި ގޭގައި ކައްކަނީ. ސައިފްއަކީ ވަރަށް މޮޅު ކައްކާއެއް. އޭނާ ހުރިހާ ކުއިޒިންއެއްގެ ކެއުންތައް ވެސް ތައްޔާރު ކުރާނެ" ކަރީނާ ބުންޏެވެ.
ކަރީނާ އިތުރަށް ބުނީ ވީހާވެސް ބޮޑަށް އާއިލާއަށް ވަގުތު ދޭން އެ ދެމީހުން ވެސް މަސައްކަތްކުރާ ކަމަށާއި ޚާއްސަކޮށް ހަފްތާ ބަންދަކީ އާއިލާއަށް ހާއްސަ ދުވަހެއް ކަމަށެވެ.
"އަހަރުމެންނަކީ ވަރަށް ގެވެހި ބައެއް. ގޭތެރޭގައި ދަރިންނާއެކު ވަގުތު ހޭދަ ކުރަން ވަރަށް ބޮޑު އިސްކަމެއް ދެން." ކަރީނާ ބުނެފައިވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކަރީނާ ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ޑައިރެކްޓަރު ސުޖޯއީ ގޯޝްގެ ތްރިލާ ފިލްމަކުންނެވެ.