ކަސްޓަމަށް 34 އެސިސްޓެންޓް އޮފިސަރުން ހޯދުމަށް އިއުލާންކުރުމުން 1،641 މީހުން ކުރިމަތިލައިފި އެވެ.
ކަސްޓަމްސް އިން ބުނީ އެސިސްޓެންޓް އޮފިސަރުކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ވަޒީފާއަށް ޝަރުތު ހަމަވަނީ 1،195 މީހުން ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވުނު މީހުންގެ ނަންތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކަސްޓަމްސް އިން އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯވެލް އިމްތިހާނު މަދުވެގެން ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމެވެ.
އެ މަގާމުގެ މުސާރައަކީ މަހަކު 5،000 ރުފިޔާ އެވެ. މީގެ އިތުރުން ނޮން ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް (1,750 ރުފިޔާ) އަދި ސާވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ އާއި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާ އަދި ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބެ އެވެ.
އެ މަގާމަށް ހޮވާ މީހުން ވަޒީފާ އަދާކުރަން ޖެހެނީ މާލެ އާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގަ އެވެ.
ކަސްޓަމްސް އިން ފަސް ސަޕޯޓް ސާވިސް އޮފިސަރުން ހޯދަން ކުރި އިއުލާނަށް ވެސް 100 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ވެސް 93 މީހުން ޝަރުތު ހަމަވާ ކަމަށް ބުނެފައިވެ އެވެ.
އެ މަގާމުގެ ޝަރުތަކީ ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގެ ދާއިރާއަކުން ތަމްރީނެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެއް ލިބިފައިވުމެވެ.
އެ މަގާމުގެ މުސާރައަކީ މަހަކު 4,000 ރުފިޔާ އެވެ. މީގެ އިތުރުން ނޮން ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް (1,400 ރުފިޔާ) އާއި ސާވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ އާއި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާ އަދި ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބެނެ އެވެ.
އެ ވަޒީފާއަށް ހޮވާ މީހުން ވަޒީފާ އަދާކުރަން ޖެހެނީ މާލެ، ހއ. އުލިގަން، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ ގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައި ކަމަށް ބުނެފައިވެ އެވެ.
ޤުރުއަތު ލައިގެން ވަޒީފާ ދިނީމަ އެންމެ އިންސާފުވެރިކޮށް ތިޔަ ވަޒާފާ ހަމަ ޖެއްސޭނީ.