ރ. ކިނޮޅޮހުގައި އެމްޑަބްލިޔުއެސްސީއިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
ކިނޮޅޮހުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މިރަށުގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީ ވެސް ބަހައްޓާފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި އެ ރަށުގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް ވެސް ވަނީ އަޅާފައިވެ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅާދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ. މީގެ އިތުރުން، މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކިނޮޅިހުގެ ފެނާއި ނަރުދަމާ މަޝްރޫއަށް 36.05 މިލިއަން ރުފިޔާ ހަރަދުވެ އެވެ.