ރ. އިންނަމާދޫގައި އެމްޑަބްލިޔުއެސްސީއިން ސާފު ބޯފެނުގެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ.

އިންނަމާދޫގެ ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އެ ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ފޯރުކޮށްދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.

އިންނަމާދޫގެ ފެނުގެ ނިޒާމް ގާއިމުކުރުމަށް ދައުލަތުގެ ބަޖެޓުން 50.77 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްފައިވެ އެވެ.