މިއަދު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ފިރިހެން ވޮލީ ޓީމު އެކުލަވާލިއިރު، އެންމެ ބޮޑު ސަމަލުކަމެއް ދީފައިވަނީ ރަނގަޅު ފޯމެއްގައި މި ވަގުތު ތިބި ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ހިމަނައިގެން، ވީ އެންމެ ވަރުގަދަ ޓީމާ އެކު ގޭމްސްގައި ވާދަކުރުމެވެ. އެ ގޮތުން، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފަށައި، ތައިލެންޑް ކޭމްޕެއް ފުރިހަމަ ކުރުމުގެ އިތުރުން، މާލޭގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗު ސީރީސް އަށް ފަހު ޓީމު އޮތީ އައިއޯއައިޖީ އަށް ތައްޔާރަށެވެ.

ގިނަ އަހަރުތަކެއް ފަހުން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އާއި ތަޖުރިބާކާރު ކުޅުންތެރިޔެއް ކަމަށްވާ އަލީ އާމިރު (ދިގު އައްޔަ) ޓީމަށް އައިއިރު، ބީޗް ވޮލީބޯޅަ އިވެންޓް މި ފަހަރުގެ އައިއޯއައިޖީގައި ނެތުމުން، ބީޗްވޮލީ އަށް ހުސްވެ ތިބި ރާއްޖޭގެ އެންމެ ހުނަރުވެރި ކުުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ކަމަށްވާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި އާދަމް ނަސީމް (އެޑަމް) ވެސް ޓީމުގައި ހިމެނެ އެވެ. ޓީމުގައި މި ފަހަރު ނެތީ އާއިލީ ޒިންމާގެ ކަމެއްގައި ހުރި ކުރީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ގައުމީ ކޯޗު ކާއްޓޭ ފާހަގަކުރި ތައްޔާރީތަކަށް ބަލާއިރު، ގިނަ މެޗުތަކެއް ލިބިފައިވާތީ އޭގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަދި ފުރަތަމަ ގުރުއަތުލުން ބޭއްވުމަށްފަހު ދިޔަ ގްރޫޕް ރަނގަޅު ކަމަށާއި ދިމާވި ކަމަކާ ހެދި ދެ ވަނަ ފަހަރަށް ގުރުއަތުލުން ކުރިއަށްގެންގޮސް، ދެން ޖެހުނީ ކުރިއަށް ވުރެ އުނދަގޫކޮށް އޮތް ގްރޫޕެއްގައި ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

މި ފަހަރު ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭން ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި ތަޖުރިބާ އަށް ބެލިޔަސް އަދި ޒުވާން އަރަމުން އަންނަ ކުުޅުންތެރިންނަށް ނަޒަރު ހިންގާލިޔަސް، ޓީމުގައި އެކި ލެވަލްގެ ފެންވަރުގެ ކުޅުންތެރިން ތިބިކަން ކާއްޓޭގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

މާދަމާ މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ގައުމީ ފިރިހެން ވޮލީ ޓީމު ތަމްރީނުތަކެއް ހަދަނީ

ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މި ފަަހަރު ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ އާދަމް ފައިރޫޒް އެވެ. ފައިރޫޒް ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ވޮލީ ޓީމުން މި ފަަހަރުގެ އައިއޯއައިޖީ އަށް އަމާޒުކޮށް މި ކުރިއަށް ގެންދިޔަ ތައްޔާރީތަކުގެ ސަބަބުން، ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން މިހާތަނަށް ބޭއްވި ޓްރެއިނިންތަކާއި ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ފެނުނު ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މީގެ ކުރިން ގައުމީ ވޮލީ ޓީމުތައް ވާދަކޮށްފައިވާއިރު، އަންހެން އަދި ފިރިހެން ޓީމަށް ވެސް މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ އެހެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ތަކުރާރުވާ އެއް މައްސަލަ އެވެ. އެއީ ސެޓު ނިންމަން ލިބޭ ފުރުސަތުތަކުގެ ބޭނުންނުހިފުމާއި، އަމިއްލަ އަށް ހެދޭ ގޯސްތަކާ ހެދި ޕްރެޝަރަށް ވެއްޓިގެންނެވެ. އެކަމަކު، ފަަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ މެޗުތައް ލިބެމުން އަންނަ މިންވަރަށް ބަލާއިރު، ޓީމުގެ ކުރިއެރުން ވެސް އަންނަނީ ފެންނަމުންނެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، މި ފަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވޮލީބޯޅަ އިވެންޓްގައި ގައުމީ ފިރިހެން ޓީމުން ވަރަށް ބޮޑަށް ނަތީޖާ އަށް އަމާޒުކޮށްގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މެޑަލް ޓާގެޓެއް އޮވެގެން ކުރިއަށްދާން ބަލާއިރު، ވޮލީ ޓީމަށް އޮތް ޗެލެންޖަކީ އިދިކޮޅަށް ނުކުންނަ ގައުމުތަކުގެ ޓީމުތަކަކީ އަހަރުން އަހަރަށް ބަދަލުވާ ޓީމުތަކެއް ކަމަށްވުމުންނެވެ. ފްރާންސަށް ނިސްބަތްވާ އެކި ކުޅުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެކި ގައުމުތަކަށް ރަށްވެހިކަން ބަދަލުކޮށްގެން ކުޅެ އެވެ.