އިންޑިއާއިން މިއަދު ގެނައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުން ގާތްގަނޑަކަށް 50،000 މީހުންނަށް ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

އިންޑިއާގެ ހާއްސަ އެހީގެ ދަށުން ފޮނުވި ވެކްސިން ހިފައިގެން އައި އެއާ އިންޑިއާގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު މެންދުރު ފަހު 2:45 ހާއިރު އެވެ. މި ވެކްސިން ގެނައިއިރު އެކަމަށްޓަކައި އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. އައިމިނަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ އަލަށް ގެންނަ ވެކްސިން ޖަހަން ފަށާނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. އެ ވެކްސިން ޖަހަން ފަށަން ސިއްހީ ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ވެކްސިން ޖަހަން ފަށަން ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ. ރަށްރަށުގައި ވެކްސިން ޖެހުމާއި ރައްކާކުރާނެ ތަންތަން ތައްޔާރުކުރަމުން ގެންދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. "ވެކްސިން ޖެހުމުން އެލާޖީ އުޅޭނެ. އެކަމަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރުވެގެން."

އޭނާ ވިދާޅުވީ އިންޑިއާއިން ގެންނަ 100،000 ޑޯޒުގެ އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިން ގާތްގަނޑަކަށް 50،000 މީހުންނަށް ޖެހޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ބޭކާރުވެގެންދާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މި ވެކްސިންގެ އިތުރުން އެހެން ވެކްސިންތައް ވެސް ހޯދުމުގެ މަސައްކަތް އެބަކުރޭ. އެގޮތުން އެސްޓްރާޒެނެކާއިން ވެކްސިން ގަތުމަށް މިހާރު ވަނީ އެގްރިމަންޓްގައި ސޮއިކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެސްޓްރާޒެނެކާއިން 700،000 ޑޯޒުގެ ވެކްސިން ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"މިއީ އިންޑިއާ ސަރުކާރުގެ އެހީއެއްގެ ގޮތުގައި ލިބޭ ވެކްސިނެއް. އެސްޓްރާޒެނެކާ އިން ހަތްލައްކަ ޑޯޒު ގަތުމަށް ވަނީ މިވަނީ ސޮއިކޮށްފައި. މީގެ އިތުރުން ކޮވެކްސް ތެރެއިން ހޯދުމަށް ވެސް މިދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ހިލޭ 20 ޕަސެންޓް ވެކްސިންގެ ތެރެއިން ވެސް ކުޑަ އަދަދެއް އަވަހަށް ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.

"ވެކްސިން ހޯދުމަށް ބައިލެޓްރަލް ގައުމުތައް މެދުވެރިކޮށް އެކި ގައުމުތަކާއެކު ފޮރިން މިނިސްޓްރީން ގެންދަނީ މަސައްކަތްކުރަމުން. އެ ވެކްސިންތައް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެޗްއީއޯސީން ބުނީ މި ވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބުމުން ކަމަށެވެ.