އިންޑިއާއިން އިއްޔެ ރާއްޖެ ގެނައި ކޮވިޑް ވެކްސިން ހުރީ އެޗްޕީއޭގެ ކޮލްޑް ރޫމްގައި ރައްކާކޮށްފައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެ ގެނައި ކޮވިޑް ވެކްސިން ރައްކާކޮށްފައި ހުރިތަނަކާ ބެހޭ ގޮތުން ނޫސްވެރިންކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްއީއޯސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ވެކްސިންތައް ބަހައްޓާފައި ވަނީ ހުންނަން ޖެހޭ މިންގަނޑުގައި ކަމަށެވެ. އަދި އެ ވެކްސިންތައް ރައްކާތެރިކޮށް މޮނިޓާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ސްޓޯކުރެވިފައި ވަނީ އެޗްޕީއޭގެ ކޮލްޑް ރޫމްގައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގައި އިންޑިއާއިން އިއްޔެ ގެނައީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން އުފެއްދި ވެކްސިންގެ 100،000 ޑޯޒެވެ. މިއީ ގާތްގަނޑަކަށް 50،000 މީހުންނަށް ބޭނުންވާ ޑޯޒެވެ.

އެޗްއީއޯސީން ބުނީ މި ވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބުމުން ކަމަށެވެ.