އަންނަ އަހަރު ބްރެޒީލްގައި އޮންނަ ޖީ20 ސަމިޓަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ހާޒިރުވެ ވަޑައިގެންނެވިއަސް އެ ގައުމުގައި ޕުޓިން ހައްޔަރުނުކުރެވޭނެ ކަމަށް ބްރެޒީލްގެ ރައީސް ލޫލާ ޑަސިލްވާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއުދިއްލީގައި އޮތް ޖީ20 ސަމިޓުގެ އަރިމަތީން ފަސްޓް ޕޯސްޓް ނިވްސްއަށް ދެއްވި އިންޓަވިއުއެއްގައި ލޫލާ ވިދާޅުވީ އަންނަ އަހަރު ބްރެޒީލްގައި އޮންނަ ސަމިޓަށް ރައީސް ޕޫޓިންއަށް ދައުވަތު އަރުވާން ކަމަށެވެ.

ލޫލާ އިތުރަށް ވިދާޅުވި ގޮތުގައި ޖީ20 ސަމިޓުގެ ކުރިން ރަޝިޔާގައި ބާއްވަން ހަމަ ޖެހިފައިވާ ބްރިކްސްގެ ސަމިޓަށް އެމަނިކުފާނު ރަޝިޔާއަށް ވަޑައިގަންނަވާނެ އެވެ.

"އަޅުގަނޑާށް ހީވާ ގޮތުގައި ރައީސް ޕޫޓިންއަށް ވަރަށް ފަސޭހަ ވާނެ ބްރެޒީލަށް ވަޑައިގަންނަވަން. އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑު ބްރެޒީލްގެ ރައީސަކަށް ހުއްޓާ ޕޫޓިން ބްރެޒީލަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރު ކުރެވޭނެ އެއް ގޮތެއްވެސް ނޯންނާނެއޭ،" ލޫލާ ވިދާޅުވި އެވެ.

ލޫލާގެ ވާހަކަފުޅަކީ ބައިނަލް އަގުވާމީ ކޯޓުން ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާތީ އެކަމާމެދު ބްރެޒީލުން އަމަލު ކުރާނެ ގޮތަކާ މެދު އުފެދިފައިވާ ސުވާލަށް ދެއްވި ޖަވާބެކެވެ. ޕޫޓިންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ހަނގުރާމައިގެ ކުށެއް ކަމަށް ބެލެވޭ ގޮތަށް ޔުކްރޭންގެ ކުޑަކުދިން ގަދަކަމުން ރަޝިޔާއަށް ފޮނުވިކަމުގެ ތުހުމަތެވެ. ރަޝިޔާ އިން އެތުހުމަތު އަބަދު ވެސް ދޮގުކުރެ އެވެ.

ބައިނަލް އަގުވާމީ ކޯޓުގެ އަމުރަށް ފަހު ޕޫޓިން ބޭރު ގައުމުތަކުގައި އޮންނަ ބައްދަލުވުންތަކަށް ވަޑައެއް ނުގަންނަވަ އެވެ. އިންޑިއާގައި އޮތް ސަމިޓަށް ވެސް ވަޑައިނުގެންނެވުމުގެ ސަބަބަކީ އެފަދަ ދަތުރުފުޅެއްގައި ހައްޔަރުކޮށްފާނެ ކަމުގެ ބިރު ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

އިންޑިއާގެ ސަމިޓުގައި ރަޝިއާ އާ ދެކޮޅަށް ހަރުކަށި ބަޔާނެއް ނެރެން ބައެއް ގައުމުތަކުން މަސައްކަތް ކުރި އެވެ. އެހެނަސް ނެރުނު ބަޔާނުގައި ރަޝިޔާގެ ނަން ނުގަނެ ގޮވައިލައިފައި އޮތީ އެއްގައުމުން އަނެއް ގައުމުގެ ބޯޑަރަށް އިހުތިރާމްކުރުމަށެވެ.