މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފުތާގައި އާއްމުކުރެވޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމައި ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާންކުރީ އޮގަސްޓް 8 ގަ އެވެ. އަދި އޮގަސްޓް 22 އާ ހަމައަށް ޝަކުވާ ހުށަހަޅަން ހުޅުވާލައި އެ މުއްދަތު އިތުރު ހަފުތާއަކަށް އިތުރު ކުރި އެެވެ. ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ' ސްކީމްގެ ދަށުން 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހަވާލުކޮށްގެން ކުރަމުން ގެންދާއިރު އެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ދެ ކުންޏެކެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫގެ ދަށުން 2،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. އެ ޕްރޮޖެޓުގެ އަގަކީ 137 މިލިއަން ޑޮލަރެވެ.

ބާކީ 2،000 ފްލެޓް 130 މިލިއަން ޑޮލަރުގެ އަގަކަށް އަޅައިދެނީ އިންޑިއާގެ އެންބީސީސީ ކުންފުނިންނެވެ.

މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަވާލުކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ސްލެޓަށް އެދި ހުށަހެޅުމުން 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް 6،208 މީހުން އަދި ތިން ކޮޓަރީގެ ފްލެޓަށް 14،489 މީހުން ހުށަހަޅާފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އެހެން ކަމުން ޝަރުތު ހަމަވާ 13،500 މީހުންނަށް ވާވަރަށް ފްލެޓް އިމާރާތް ކުރަން ޖެހެ އެވެ.

މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ވަނީ 19،000 އަށް ވުރެ ގިނަ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޫކޮށްފަ އެވެ.