ޓޯކިޔޯ (22 ޖެނުއަރީ) - ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ލަސްކުރި އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް މިއަހަރު ސަޕޯޓަރުންނާ ނުލައި ބާއްވަން ޖެހިދާނެ ކަމަށް ލަފާކުރެވެން ފަށައިފި އެވެ.
ވޯލްޑް އެތްލެޓިކްސްގެ ރައީސް އަދި އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)ގެ މެމްބަރު ލޯޑް ކޯއި ވިދާޅުވި ގޮތުގައި ސަޕޯޓަރުން ވައްދައިގެން އޮލިމްޕިކްސް މުބާރާތް ބޭއްވުމަކީ އެންމެން ވެސް ބޭނުންވާ ގޮތެވެ. ނަމަވެސް އޮލިމްޕިކްސް ކުޅިވަރު ބޭއްވޭނެ ހަމަ އެކަނި ގޮތަކީ ކުޅުންތެރިންނާ ނުލައި ކަމަށް ވާނަމަ އެކަން އެގޮތަަށް ކުރުމަށް އެންމެން ވެސް އެއްބަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން އޮލިމްޕިކްސް އޯގަނައިޒަރުން ވަނީ އޮލިމްޕިކްސް މިއަހަރު ބޭއްވުމަށް ފަސްކޮށްފަ އެވެ.
އޮލިމްޕިކްސް އޮންނާނީ އަންނަ ޖުލައި މަހު 23 ގަ އެވެ. ނަމަވެސް ކޮވިޑް ހާލަތަށް ކުރިއެރުމެއް ނުލިބޭތީވެ، އޮލިމްޕިކްސް މިއަހަރު ބޭއްވޭނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އޮލިމްޕިކްސް ބާއްވާ ގައުމު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ކޮވިޑް ކޭސްތައް އިތުރުވާތީ އެ ގައުމުގައި ވަނީ ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށްފަ އެވެ.
މި މަހު ތެރޭގައި ޖަޕާނުގެ ބޮޑު ވަޒީރު އޮޝިހިދޭ ޝުގާ ވަނީ އޮލިމްޕިކްސް ރައްކާތެރި ފިޔަވަޅުތަކާއެކު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ޖަޕާނުގެ ގިނަ މީހުން ވަނީ މިފަދަ ދަނޑިވަޅެއްގައި އޮލިމްޕިކްސް ބޭއްވުމަށް ނިންމެވުމުން ނުރުހުން ފާޅުކޮށްފަ އެވެ.
ޓޯކިޔޯ އޮލިމްޕިކްސް 2020 ގެ ޗީފް އެޒެކެޓިވް ޓޮޝިހިރޯ މުޓޯ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑާ ދެކޮޅަށް ވެކްސިން ދޭން ފަށާފައިވުމުން އޮލިމްޕިކްސް ބޭއްވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށެވެ. އަދި ވެކްސިން ގިނަ ބަޔަކަށް ދިނަސް ހުރިހާ ކަމެއް ހައްލުނުވާ ކަމަށާއި އަދި މިފަދަ ކަންކަމަށް ހައްލު ހޯދުމަށް ވަގުތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. – ބީބިސީ