ދިވެހިންނަކީ ލިބޭ ޗުއްޓީތަކުގައި ދަތުރު ކުރުމަށް ލޯބިކުރާ ބައެކެވެ. އެއީ ކިތަންމެ ކުރު ޗުއްޓީއެއް ވިޔަސްމެ އެވެ. ވާނީވެސް އެހެންނެވެ. މާލޭގެ ކާރޫބާރޫ ބޮޑު ދިރިއުޅުމުން ރެކިލަން ލިބޭ ކުޑަ ފުރުސަތެއްގެ ބޭނުން ވެސް ހިފާނެތާ އެވެ.

ހަފްތާ ބަންދުތަކުގައި މާލޭ ކައިރި ރަށްތަކަށް ދިއުމަކީ މިހާރު އަހަރުމެންގެ ތެރޭޭގައި އާލާވަމުން އަންނަ ސަގާފަތެކެވެ. މިގޮތަށް ބަލާއިރު ގިނަ ބައެއް ޚިޔާރު ކުރަނީ މާލެ އަތޮޅުގެ ރަށްތަކެވެ.

އޭގެ ތެރެއިން ވެސް ކ. ހުރާއަކީ ފާހަގަ ކޮށްލެވޭ ރަށެކެވެ. ހަފްތާ ބަންދުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް އެ ރަށަކަށް އަރާ ފައިބާ ރަށެކެވެ.

މާލެއާ 21 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ހުރާއަކީ މިހާތަނަށް އައި އިރު ރަސްކަމުގެ މަތިފުށާއި ދަރިފަސްކޮޅަށްޓަކައި މަޝްހޫރުވެފައިވާ ރަށެކެވެ.

ކ. ހުރާ

އެއީ ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުން އަންނަ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް މޫ ލާފައިވާ އެއް ރަށެވެ. ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ވެސް ރަށަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާނެ އެތައް ޚިދުމަތެއް އެ ރަށުން މިހާރު ލިބެން ހުރެ އެވެ.

އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން އޮޕަރޭޓްކުރާ ގިނަ ފެރީތަކެއް ހަފްތާ ބަންދުގައި މާލެއާ ހުރާއާ ދެމެދު ދަތުރުތައް އެޅިނަމަވެސް ގިނަ ފަހަރަށް ޓިކެޓް ހޯދަން ބަލާއިރު އޮންނަނީ ފެރީތައް ފުރިފަ އެވެ. ހުރި ގިނަ ގެސްޓް ހައުސްތަކުން ކޮޓަރިއެއް ހޯދަން ގުޅާއިރު ޖަވާބަކަށް ވަނީ ހަފްތާ ބަންދުގައި ލިބެން ނެތް ކަމުގަ އެވެ.

ރަށަށް އަންނަ މެހެމާނުން ޝައުގުވެރިވާ ފަދަ ގިނަ ހަރަކާތްތަކެއް ގެސްޓް ހައުސްތަކުން ހަފްތާ ބަންދާ ދިމާކޮށް ހިންގާއިރު ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކަކީ ހުރާއަށް ދާ މީހުން އެންމެ ކުރާ ހިތުން ކުރާ ހިތްވާ ކަންކަމެވެ.

ހަމައެއާއެކު އެ ރަށަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަކީ ވެސް އެރަށަށް އެހާ ގިނަ ބަޔަކު ދިއުމުގައި ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ދާދި ފަހުން ހުރާއަށް ދިޔަ މީހަކު ބުނީ އެ ރަށުގެ ހިތް ފަސޭހަކަމާއި ހިތްގައިމު ކަމަކީ ލޯކަލް ޓޫރިޒަމް ތަރައްގީވެފައިވާ އެހެން ރަށަކުން ފެންނަން ނެތް ކަމެއް ކަމަށެވެ.

ކ. ހުރާ

މިގޮތަށް ބީރައްޓެހިން ރަށަށް އަންނަ އައުމަކީ ހުރާގެ ރައްޔިތުންނަށް ވެސް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް ފަހިވުމާއި ފޯރުންތެރިކަމާއި ފުދުންތެރިކަމުގެ އިތުރުން ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ފެންވަރު ވަނީ ބޮޑު ތަނުން ރަނގަޅުވެފަ އެވެ.

ކުރިއަށް މިއޮތީ ވެސް ހަފްތާ ބަންދެކެވެ. އަންނަ ހަފްތާގައި އޮތީ އެއަށްވުރެ ދިގު ބަންދަކަށް ވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެން ކަމުން ތަނަކަށް ދާން ވިސްނާނަމަ ހުރާއަށް ދިއުން ކިހިނެއްވާނެ ހެއްޔެވެ؟