މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. ޕޯޗުގީޒުންގެ މައްޗަށް ދިވެހި އަބުތާލުން ހޯދި ކާމިޔާބީ ފާހަގަކުރާ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ސަރުކާރުން ކުރާ ކަންކަމުގެ އިތުރުން ފަރުދީ ގޮތުން ވެސް ކުރެވިދާނެ ބައެއް ކަންކަން ހުރެ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް މިއަދު ދިވެހިންގެ ދިވެހި ބަހުން ވާހަކަ ދައްކަމާ ހެއްޔެވެ؟ އަހަރުމެންގެ ދިރިއުޅުމުގައި އިނގިރޭސި ބަހަކީ މުހިއްމު ބަހަކަށް ވެފައިވާއިރު މިއަދުގެ މުނާސަބަތުގައި އަހަރުމެން ދައްކާ ވާހަކަތަކާއި ފޮނުވާ މެސެޖުތައް ދިވެހި ބަހުން ފޮނުވުން ރަނގަޅުވާނެ އެވެ.
ހަމައެއާއެކު ދެން އޮތް ކަމަކީ ކެއިން ބުއިމެވެ. ގޭގައި އާއްމުކޮށް ހަދާ ނޫޑްލީހާއި ޕާސްތާގެ ބަދަލުގައި މަސްބަތާއި ރިހާކުރާ ތައްޔާރު ކުރަމާ ހެއްޔެވެ؟ ނޫންނަމަ ގަރުދިޔައާއި ބަތާއެކު ފިޔާ މިރުސް ލުނބޯއަށް އިންސާފު ކުރަމާތޯ އެވެ. މިއީ ވެސް ހަމަ ގައުމިއްޔަތު ދިރުވަން ކުރެވިދާނެ ކަންކަމެވެ.
ދަރިން ގޮވައިގެން ހަވީރު ފިންޏަށް މިއަދު ހިނގާލަން ނުކުންނައިރު ދިވެހި ހެދުމެއް ލެއްވުން ރަނގަޅުވާނެ ނޫން ހެއްޔެވެ؟ އެކުދިންގެ ހިތުގައި ގައުމީ ރޫހާއި ލޯބި އާލާވެ ދިވެހި ސަގާފަތާއި އާދަކާދައަށް ވެސް މިއަދުގެ މުނާސަބަތުގައި އަލިއަޅުވާލެވުނީ އެވެ.
މިއީ ގައުމީ ދުވަސް ނޫނަސް އަހަރުމެންގެ ދިރުއުޅުމުގައި ކުރަންވީ ކަންކަމެވެ. އެހެން ނަމަވެސް މިފަދަ ދުވަހަކާ ގުޅުވައިގެނު މިކަހަލަ ކަންކަން ކުރުމަކީ އެކަމުގެ ހާއްސަކަން އިތުރުވާނެ ކަންކަމެވެ.