ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދަށް ކެމްޕޭނަށް ވަޑައިގަތުމުން ބަޔަކު މީހުން މުޒާހަރާކޮށްފި އެވެ.

މިއަދު ހަވީރު ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ސޯލިހަށް ކެމްޕެއިން ކުރެއްވުމަށެވެ. އެކަމަނާގެ އަރިހުގައި ރައީސްގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެމްބަރުު އަލީ ނިޔާޒު ވެސް ވަޑައިގަތެވެ.

މެޑަމް ފަޒްނާ އެ ސަރަހައްދަށް ވަޑައިގަތުމުން އަޑުގަދަކޮށް އެކަމަނާގެ މަސައްކަތަށް ހުރަސް އެޅި މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ވަނީ އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.

ރައީސް ސޯލިހު ވެސް މިއަދު ވަނީ މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި އަނބިކަނބަލުން ފަޒްނާ ވަނީ އިއްޔެ ވިލިމާލޭގެ ގެތަކަށް ވަޑައިގެން ކެމްޕޭން ހަރަކާތެއް ހިންގަވާފަ އެވެ.

މެޑަމް ފަޒްނާ ހިޔާ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނީ ރައީސްގެ އަނބިކަނބަލުން ކެމްޕޭނުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެކަމަނާއަަށް ހުރަސްއެޅުމަށް ހިންގި އަމަލު އެ ޕާޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މިއީ ރައީސް އިބޫގެ ތާއީދު އިތުރުވާތީ ހިންގި ދަށުދަރަޖައިގެ ފިނޑި އަމަލެއް،" އެ ޕާޓީން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ.