ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ދަޅުކަން" ގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް އެފިލްމުގެ ޑައިރެކްޓަރު ދަރުމޭސް ދަރުޝަން ބުނެފި އެވެ.

މީގެ 23 އަހަރު ރިލީޒްކުރި ތިނެސްކަން ލޯބީގެ ފިލްމު "ދަޅުކަން" ގައި ފެނިގެންދަނީ ބޮލީވުޑް މަޝްހޫރު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ސިލްޕާ ޝެޓީ އެވެ.

މީޑިއާއަށް ދިން އިއްޓަވިއުއްގައި ދަރުމޭސް ބުނެފައިވަނީ 2000 ވަނަ އަހަރު ރިލީޒްކުރި "ދަޅުކަން"ގެ ދެވަނަ ބައެއް ހަދަން އޭގެ ޕްރޮޑިއުސަރު ރަތަން ޖެއިން ވެސް އެދޭތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ.

"ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ދަޅުކަންގެ ދެވަނަ ބައި ހަދަން ރަތަން އެދިފައިވޭ. މިހާރު މަޝްވަރާ ވެސް އެބަކުރަން. ދެވަނަ ބައިގެ ކާސްޓާ ދޭތެރޭ އަދި އެއްވެސް ވަރަކަށް ނުވިސްނަން. ފަހަރުގައި ހަމަ ތަފާތު ކާސްޓެއް ފެނުމަކީ ވެސް ވެދާނެ ގޮތެއް." ދަރުމޭޝް ބުންޏެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރަމުން ދަރުމޭޝް ބުނީ ޝައުގުވެރި ދެތިން ހިޔާލެއް އެބައޮތް ކަމަށެވެ.

https://www.youtube.com/watch?v=OkbrVWUUU4k

2000 ވަނަ އަހަރު ރިލީޒްކުރި މިފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ފިލްމެކެވެ. އަދި މިފިލްމުގައި ހިމެނޭ ލަވަތަކަކީވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ލަވަތަކެވެ.

އަކްޝޭ އާއި ޝިލްޕާ އަދި ސުނިލްގެ އިތުރުން އެ ފިލްމުގެ ހާއްސަ ރޯލެއް މަހީމާ ޗައުދަރީ ވެސް ކުޅުނެވެ.