ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމްގެ އިންތިހާބީ އެޖެންޓަކަށް މަސައްކަތް ކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގެންފި އެވެ.

ޖޭޕީން ވަކިވެވަޑައިގަތުމަށް ފަހު، މިރޭ ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ.

މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް އޭނާ ޖޭޕީން ވަކިވެވަޑައިގެންނެވި ސަބަބެއް ސާފެއް ނޫނެވެ.

އަލީ ވަހީދު ހަމައެކަނި ވިދާޅުވީ ދިވެހި ގައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށެވެ. އަލީ ވަހީދު އެގޮތަށް ވިދާޅުވި އިރު، އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ރޭގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި މުލިއާގޭގައި ބައްދަލު ކުރައްވައިފައެވެ.

އެކަމަކު، އެ ބައްދަލުވުމަށް ފަހު ވެސް އަލީ ވަހީދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށްވެއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުންނެވެ.

އޭގެ ފަހުން އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާއާ ގުޅުން ހުރި ގިނަ ދައުވާތަކެއް އުފުލުމާއެކު، މީގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވިއެވެ. އޭރު އަލީ ވަހީދު ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.

އަލީ ވަހީދު ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތުމުން، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލަ އަނބުރާ ގެންދަވައިފައެވެ.