90ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ބޮޑުވަމުން އައި ކުޑަކުދިންގެ ކުޑައިރުގެ އެންމެ ފާހަގަ ކުރެވޭ އެއް ހަނދާނަކަށް ވާނީ އޭރު ޓީވީއިން ދުރަށް ދެއްކި ޝޯ ތަކެވެ.
ޓީވީއެމް މެދުވެރިކޮށް ދިވެހި އަމިއްލަ އުފެއްދުންތަކާއި ކޭބަލް ޓީވީއިން ބޭރުގެ ބައެއް ޝޯތައް ވެސް ލިބެމުން ދިޔައިރު ކޮންމެ ދުވަހެއްގެ ވެސް ހަވީރު ހޭދަވަނީ މިފަދަ ޝޯއެއް ބެލުމުގަ އެވެ.
އޭގެ ތެރެއިން ވެސް ނަގާކިޔޭ އެއް ޝޯއަކީ ކޭބަލް ޓީވީގެ "ޕޯގޯ" ޗެނަލްއިން ގެނެސްދިން ގޭމް ޝޯއެއް ކަމަށްވާ ޓަކޭޝީސް ކާސަލް އެވެ.
ޖަޕާނުގެ އުފެއްދުމެއް ކަމަށްވާ ޓަކޭޝީސް ކާސަލްއަކީ ހެއްވާ މަޖާ ގޭމްތައް ހިމަނައިގެން ބޮޑެތި މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ޝޯ އެކެވެ. އެހެން ނަމަވެސް އެ ޝޯއަކީ އާއިލާ އެއްކޮށް ތިބެގެން ވެސް ބަލާލަން ފުރިހަމަ ޝޯ އެކެވެ.
ދިވެހިންނާ ހިސާބަށް އައިސްފައިވަނީ މި ޝޯގެ ހިންދީ ބަހުން އަޑު އަޅާފައިވާ ވާޝަން އެކެވެ. ޖާވިދު ޖެފްރީގެ އަޑުން އެ ޝޯގެ މަޖާކަން އިތުރުވާހެން ހީވެ އެވެ.
ކޮންމެއަކަސް ޓަކޭޝީސް ކާސަލްއަކީ މިހާރުގެ ގިނަ ޒުވާނުންނަށް އޮޅުމެއް ނެތި އެނގޭނެ ޝޯއެކެވެ. އެ ޝޯއަށް ލޯބިކުރި ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ.
ދިގު ޒަމާންތަކަކަށްފަހު ޓަކޭޝިސް ކާސަލްގެ ރީބޫޓް ސީރީޒްއެއް އާއްމުންނާ ހިސާބަށް އަންނަން މިވަނީ ތައްޔާރުވެފަ އެވެ. އެހެން ނަމަވެސް މިފަހަރުގެ ޝޯ އަންނާނީ ބައެއް ތަފާތުތަކާއެކުގަ އެވެ.
އެންމެ ފުރަތަމަ ކަމަކަށް މިފަހަރު އެ ޝޯ އަންނާނީ ޓީވީގެ ބަދަލުގައި އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމޭޒަން ޕްރައިމް އަށެވެ. އަދި މަޝްހޫރު ޖާވިދުގެ އަޑުގެ ބަދަލުގައ މިފަހަރުގެ ޝޯއަށް އަޑު އަޅާނީ ބުވާން ބަމް އެވެ.
މިއާއެކު ގިނަ ބަޔަކު އަންނަނީ ޖާވިދުގެ އަޑުފަދަ ދެވަނަ އަޑެއް އެ ޝޯއަށް ނޯންނާނެ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ވެސް ފާޅު ކުރަމުންނެވެ.
އެހެން ނަމަވެސް ޝޯގެ އުފެއްދުންތެރިން ދޭ ޔަގީން ކަމަކީ ކުރީގެ ޝޯއެކޭ އެއްފަދައިން ރީބޫޓް ޝޯތަކަކީ ވެސް މީހުން ހީހީ ވަރުބަލިވާނެ ފަދަ ޝޯތަކަކަށް ވާނެ ކަމަށެވެ.
ޓަކޭޝީސް ކާސަލްގެ ރީބޫޓް އާއްމުންނާ ހިސާބަށް އަންނާނެ ވަކި ދުވަހެއް އަދި އާއްމު ކޮށްފައި ނުވި ނަމަވެސް އެ ޝޯގެ ޓްރެއިލާތައް މިހާރު އެމޭޒަން ޕްރައިމްގައި އެބަހުއްޓެވެ. އެހެން ކަމުން ޝޯވެސް ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.
ކޮންމެއަކަސް މި ޝޯއަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ޝޯ އެކެވެ. އެ ޝޯ ދެވަނަ ފަހަރަށް ބަލާލުމަކީ ކުޑައިރުގެ ހަނދާންތައް އާކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.