ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް އާއި ޖޭޕީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދުކުރަން ނިންމައިފި އެވެ.

ޑރ އަމީން ރައީސް ސޯލިހުއަށް ތާއިދު ކުރަން ނިންމާފައިވާއިރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދާއި ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝިދު ވެސް ވަނީ ދާދި ފަހުން ރައީސް ސޯލިހުއަށް ތާއީދުކުރުމަށް ނިންމާފަ އެވެ. އަދި އިލްހާމް ވަނީ މިހާރު އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.

ރައީސް ސޯލިހުއަށް ތާއީދުކުރަން ނިންމާފައިވާކަން ހާމަ ކޮށްފައިވަނީ ޑރ އަމީން އާއި ކުރީގެ ހެލްތު މިނިސްޓަރު އަމީން އެވެ. މީގެ އިތުރުން ޖޭޕީގެ ކައުންސިލުން ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ އެހެން މެމްބަރުން މިރޭ އެކަން އިއުލާން ކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޭޕީގެ އިސް ބައެއް ބޭފުޅުން ރައީސް ސޯލިހުއަށް ތާއިދު ކުރައްވާނެކަން އެމަނިކުފާނު ވެސް ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ދޮރުން ދޮރަށް ހިންގެވުމަށް ބޭއްވި ހަރަކާތަށް ފަހު ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް ޝައުގު ވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބުނީ 5،000 އެއްހާ ވޯޓެވެ. އެއާ އެކު ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެފަ އެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރަން ބައެއް ބޭފުޅުން ވަނީ ނިންމައިފަ އެވެ.