މާލޭގައި 20 އަހަރު އުޅެފައިވާ މީހުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ދެ ވަނަ ފިޔަވަހީގެ ދަށުން މިހާތަނަށް 2،000 އަށްވުރެން ގިނަ ފޯމް ހުށަހަޅައިފި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މި ބުރުގައި މާލެ ސަރަހައްދުން 4،000 ގޯއްޗާއި 6،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިހާތަނަށް 2،446 މީހުން ގޯއްޗާއި ފްލެޓަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،399 މީހަކު ގޯއްޗަށް ކުރިމަތިލާފައިވާ ކަމަށާއި 1،047 މީހަކު ފްލެޓަށް ކުރިމަތިލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފުލެޓް ދޫކުރުމަށް ވެސް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ގިރާވަރު އުތުރުފަޅުން ބޯހިޔާވަހިކަން ކަމަށް ހާއްސަކޮސްގެން 215 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނޭ އެވެ. އަދި "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހިމާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މިފަހަރު ހުޅުވާލާފައިވާ ފުރުސަތުގައި މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހިފައިތިބި 20 އަހަރުވެފައިވާ މީހުންނަށް ވެސް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެ އެވެ. އަދި ފެލްޓަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނަށާއި މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މީގެ އިތުރަށް ސަރުކާރުން މިހާރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 15 އަހަރުވެފައިވާ މީހުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދިނުމަށް ވެސް ނިންނަމަވައިފަ އެވެ.

ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠުހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 24 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.