ނާސާ އިން ދުނިޔެއަށް ގެނައި ގިނި ހިލައިގެ ސާމްޕަލު އަޅައިފައި ހުރި ކޮންޓެއިނަރުން އާދަޔާ ޚިލާފު ކަޅު ކުލައިގެ ހިރަފުހެއް ފެނުމުގެ ސަބަބުން ގިނި ހިލައިގެ ދިރާސާ ކުރުން ސައިންސް ވެރިން މަޑު ޖައްސާލައިފި އެވެ.

ގާތްގަނޑަކަށް 4.5 ބިލިއަން ހަރުވެފައިވާ ގިނި ހިލަ ބެނޫގެ ސާފޭސް އިން ނާސާގެ ސައިންޓިސްޓުން ސާމްޕަލް ނެގީ 2020 ވަނަ އަހަރު އެވެ. އެއީ ގިނި ހިލައަކުން ސާމްޕަލް ނެގުމަށް ދުނިޔޭގައި މިހާތަނަށް ހިންގި އެންމެ ފުރަތަމަ މިޝަނެވެ. ނާސާގެ އޮސީރިސް ރެކްސް ވަނީ މި ސާމްޕަލް މިދިޔަ ހަފުތާގެ ތެރޭގައި ސަލާމަތުން ބިމަށް ގެނެސްފަ އެވެ.

ގިނި ހިލައިގެ ސާމްޕަލް ރައްކާކޮށްފައި ހުރި ކެނިސްޓަ އެމެރިކާގެ ސަހަރާގެ ހުސް ބިމަކަށް ތިރިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާ އެކު ސައިންސް ވެރިން ވަނީ އެ ކެނިސްޓަ ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރަށް ގެންގޮސްފަ އެވެ. އެ ސެންޓަރުގައި ކެނިސްޓަ ހުޅުވައި ސާމްޕަލުގެ ތަހުގީގު ކުރަން ތައްޔާރުވި އެވެ. ނަމަވެސް ކެނިސްޓަރުގެ ގިނި ހިލައިގެ ސާމްޕަލް ރައްކާ ކުރެވިފައިވާ ބައިގެ ބޭރުން ސައިންސް ވެރިންނަށް ފެނުނީ ކޯއްޗެއްކަން ނޭނގޭ ކަޅު ކުލައިގެ ހިރަފުހެކެވެ. އެހެން ކަމުން ގިނި ހިލައިގެ ސާމްޕަލް ތަހުލީލު ކުރަން ފެށުން މި ވަގުތަށް މަޑު ޖައްސައިލުމަށް ފަހު އެ ހިރަފުހަކީ ކިހިނެއް އައި ކޮން އެއްޗެއްކަން ދެނެގަނެވޭތޯ މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ނާސާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮން އެއްޗެއްކަން ނޭނގޭ ހިރަފުހަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތް ކުރުމަށް ފަހު ކެނިސްޓަރު ހުޅުވައި ގިނި ހިލައިގެ ދިރާސާތައް ވަރަށް އަވަހަށް ފެށޭނެ އެވެ.

ސައިންސްވެރިން އުންމީދު ކުރަނީ ގިނި ހިލައިން ނެގުނު ސާމަޕަލުގެ ޒަރީއާ އިން ގިނިހިލަތައް އުފެދުނު ގޮތާއި އެ ހިލަތަކާއި ބިމާ ހުރި ގުޅުން ފަދަ މުހިންމު މައުލޫމާތު ތަކެއް ލިބޭނޭ ކަމަށެވެ.