ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ބަތަލާ ސޮނާކްޝީ ސިންހާއެކު ފިލްމެއް ކުޅެއް ދެކޮޅު ހެދި ސަބަބެއް އިނގޭ ހެއްޔެވެ.

ރަންބީރާ އާއި ސޮނާކްޝީ އަކީ ބޮލީވުޑްގައި މަޝްހޫރު ދެ ފަންނާނުނެވެ. އަދި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ދެ ތަރިންނެވެ.

ރަންބީރު ބޮލީވުޑަށް ތައާރަފުވީ 2007 ވަނަ އަހަރު ނެރުނު "ސާވާރިޔާ" އިންނެވެ. ރަންބީރު ވަނީ ވަރަށް ގިނަ ބަތަލާއިންނާއެކު މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އައިރުވެސް ސޮނާކްޝީ އާއެކު މަސައްކަތް ކޮށްފައިނުވެ އެވެ.

އެދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އެފުރުސަތު ރަންބީރު ވަނީ ދޫކޮށްލާފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަންބީރު އެފިލްމުގެ ސްކްރިޕްޓާ މެދުގައި ހިތްހަމަޖެހުނަސް އެފިލްމުގެ ބަތަލާއަކަށް ނަގާފައިވާ ތަރިޔާ މެދުގައި އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެފިލްމުގެ ބަތަލާއަކަށް ނަގާފައިވަނީ ސޮނާކްޝީ އެވެ. ނަމަވެސް ޕްރޮޑިއުސަރުން އެ ބަދަލު ގެންނަން ބޭނުން ނުވުމުން ރަންބީރު ނިންމީ އެ ފިލްމު ނުކުޅުމަށެވެ. އެއީ ކޮން ފިލްމެއް ކަމެއް ރަންބީރު ހާމައެއް ނުކުރެ އެވެ.

ރަންބީރަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ.

ރަންބީރު ކުރިއަށް އޮތް ފިލްމަކީ އެކްޝަން ތުރިލާ ފިލްމު "އެނިމަލް" އެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރު މަހު އެވެ.

ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑް ރޯލުން ފެނިގެންދާނީ ރަޝްމީކާ މަންދާނާ އެވެ.