ރައީސް މައުމޫންގެ ދައުރުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުހައްމަދު ރަޝީދު އިބްރާހިމް އުމުރުފުޅުން 78 އަހަރުގައި ޕީއެޗްޑީ ހާސިލްކުރައްވައިފި އެވެ.

ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ރަޝީދު ޕީއެޗްޑީ ހާސިލްކުރެއްވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީންނެވެ. މިއީ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.

ފުވައްމުލަކަށް އުފަން މަޝްހޫރު ދީނީ އިލްމުވެރިޔާ މަތީ ތައުލީމް ހާސިލްކުރެއްވީ 1960 އާއި 70ގެ އަހަރުތަކުގައި މިސްރުގެ ޖާމިއުލް އަޒްހަރުންނާއި ސައުދީ އަރަބިއްޔާއިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ އިތުރުން އެ މަނިކުފާނަކީ ރައީސް މައުމޫންގެ ވެރިކަމުގައި ދީނީ ގޮތުން ވަރަށް ގިނަ ކަންކަމުގައި ލަފާ ދެއްވައި، ނުފޫޒުގަދަ ދީނީ އިލްމުވެރިއެކެވެ. އަދި އެ މަނިކުފާނަކީ މިދިޔަ ސަރުކާރުގައި ވެސް ދިނީ ކަންތައްތަކާ ބެހޭ އެންމެ އިސް އެޑްވައިޒަރެވެ.

ޝެއިޚް ރަޝީދު ޕީއެޗްޑީ ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހުގެ ތެރެއިން ރާއްޖޭގައި އާއިލީ މައްސަލަތަކާއި އޭގެ ހައްލު މައްޗަށެވެ. ޕީއެޗްޑީގެ ފަހު މަރުހަލައިގެ އިމްތިހާނުން އެ މަނިކުފާނު ވަނީ އިއްޔެ ފާސްވެވަޑައިގެންފަ އެވެ.

އައިޔޫއެމް އިން، ތިން ބެޗެއްގައި 28 މީހަކު އެޗްޑީ އަށް ކިޔަވައެވެ. ރަޝީދުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ޕީއެޗްޑީ ތީސިސް ނިންމަވައި ހުށަހަޅުއްވައިފަ އެވެ.