ވިޔަފާރި އާއި ޗުއްޓީ އަށް ދިވެހީން އާންމުކޮށް ގޮސް އުޅޭ ތައިލޭންޑްގެ ވެރިރަށުގައި ހުންނަ މަޝްހޫރު ބެންކޮކް މޯލުގައި މިއަދު ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވެފައިވޭތޯ ބަލަނުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން މޯލަށް ދިން ހަމަލާގައި ވަނީ ދެ މީހުން މަރުވެފަ އެވެ. ތައި ފުލުހުން ބުނީ މަރުވެފައި ވަނީ ޗައިނާ އާއި މިއަންމާ އަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ. ބަޑީގެ ހަމަލާގައ އިތުރު ފަސް މީހަކު ވަނީ ޒަޚަމްވެފަ އެވެ. ހަމަލާ އަށް ފަހު ފުލުހުން ވަނީ މޯލުން މީހުން ހުސްކޮށްފަ އެވެ. ބަޑީގެ ހަމަލާގެ އަޑު އިވުމާ އެކު ބައެއް މީހުން ވަނީ ފިލަން އެކި ތަންތަނަށް ވަދެފަ އެވެ.

ހަމަލާ ދިން ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ސްކޫލް ދަރިވަރެއް ކަމަށްވާ އެ ކުއްޖާ ހަމަލާ ދިން ބޭނުމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މޯލުގެ ތިން ވަނަ ފްލޯއިންނެވެ. ފުލުހުންގެ އިސް އޮފިޝަލަކު ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން އަކީ މުޅި އޭޝިއާގައި އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ އެއް ތަނެވެ. އެ މޯލަށް ތައިލެންޑުގެ އިތުރުން ޓޫރިސްޓުން އެހާ ގިނައިން ޒިޔާރަތް ކުރެ އެވެ. އެއީ ގިނަ އަދަދަކަށް ދިވެހިން ވެސް ގޮސްއުޅޭ މޯލެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަމަލާ ދިން ވަގުތު އެ މޯލްގައި އެއްވެސް ދިވެއްސަކު ހުރިތޯ އާއި ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންކޮކުގައި ހުންނަ ދިވެހި އެމްބަސީ އާއި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސާފުކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ވިޔަފާރިއަށް ދިވެހީން އާންމުކޮށް ގޮސް އުޅޭ ތައިލޭންޑްގެ ވެރިރަށް ބެންކޮކުގެ މަޝްހޫރު ސިއާމް ޕެރަގަން މޯލް. --ފޮޓޯ

އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ ވީއެންމެ އަވަހަކަށް ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަހަރަކު އެތައް މިލިއަން މީހުން ޒިޔާރަތްކުރާ ބެންކޮކުގައި މި ބާވަތުގެ ބަޑީގެ ހަމަލާތައް ދިނުމަކީ އާއްމު ކަމެއް ނޫނެވެ.