ލަންޑަނުގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ ކުރިމަތީގައި އިނގިރޭސިވިލާތުގެ ސިކުން މުޒާހަރާކޮށް އަޑު އުފުލައިފި އެވެ.

އެމީހުން ގޮވަމުން ގެންދިޔައީ އނގިރޭސި ސަރުކާރުން ކެނެޑާ ފަދައިން ސިކުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށެވެ.

ލަންޑަނުގައި ސިކުން މުޒާހަރާ ކުރީ ކެނެޑާގެ ސިކު އެކްޓިވިސްޓު މަރާލުމާ އިންޑިއާ ސަރުކާރާ ގުޅިން ހުރިކަމުގެ އިތުބާރު ހިފޭ ފަދަ މައުލޫމާތު ހުރިކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިތާ ދެ ހަފުތާ ފަހުންނެވެ.

ޔޫކޭގެ ސިކް ފެޑެރޭޝަންގެ އެޑްވައިޒަރު ދަބިންދަރުޖީތު ސިންގް ބުނި ގޮތުގައި އެމީހުން ވަނީ ކެނެޑާ ސަރުކާރާ އެކުގަ އެވެ. އެކަމަކު، އޭނާ ބުނި ގޮތުގައި މިވަގުތު އޮތް އެންމެ ބޮޑު ސުވާލަކީ އިނގިރޭސި ސަރުކާރުން އެގައުމުގެ ސިކު ރައްޔިތުންގެ ސަލާމަތަށް އަޅަނީ ކޮން ފިޔަވަޅެއްތޯ ބެލުމެވެ.

ހޯމަ ދުވަހުގެ އެއްވުމުގައި ސިކުންގެ އިސް ލީޑަރުން ވަނީ ފާއިތުވި ހޫނު މޫސުމުގައި މަރުވި ސިކު އެކްޓިވިސްޓެއްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ގޮވައިލައިފަ އެވެ. އުމުރުން 35 އަހަރުގެ އަވްތާރު ސިންގް ޚަންދާ މަރުވީ ކުޑަކޮށް ބަލިވުމަށް ފަހު ކުއްލި ގޮތަކަށެވެ. ޕޯސްޓްމޯޓަމަށް ފަހު އޭނާގެ މަރުގެ ސަބަބެއް ކަމުގައި ބުނެފައި އޮތީ ލޭގެ ކެންސަރެވެ.

ސިކުންގެ ލީޑަރުން ބުނި ގޮތުގައި އިނގިރޭސި ވިލާތުގައި ސިކުންނަށް މިހާރު އެއްވެސް މިނިވަން ކަމެއް ނެތެވެ. އެމީހުން ތިބެން ޖެހެނީ ހިމޭނުންނެވެ. އެހެންކަމުން ކެނެޑާގެ ވާހަކަ ގަބޫލު ކުރަން ފަސޭހަ ކަމުގައި ވެސް އެމީހުން ބުންޏެވެ. މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި އިނގިރޭސި ވިލާތުގައި އެ ގައުމުގެ ރައްޔިތުންގެ އަޑު ކަނޑުވައިލާ ކަމުގައިވާ ނަމަ ގައުމުގެ މިނިވަންކަމަކީ ކޮބައިތޯ ސުވާލު އުފެދޭ އެވެ.

ކެނެޑާގެ ސިކް އެކްޓިވިސްޓުގެ މަރާ ގުޅިގެން އެމެރިކާގެ ސިކް ޖަމާއަތުގެ ތިން އެކްޓިވިސްޓަކަށް ނުރައްކާ އޮތް ކަމުގައި އެފްބީއައި އިން އެމީހުނަށް އެންގީ އެވެ. އެހެން ނަމަވެސް އިނގިރޭސި ސިކު ލީޑަރުންނަށް އިނގިރޭސި ސަރުކާރުން ސަލާމަތީ އިރުޝާދެއް ނުދެނީ ކީއްވެތޯ އެމީހުން ސުވާލު އުފެއްދި އެވެ.

ފްރީލާންސް ނޫސްވެރިއެއް ކަމުގައިވާ ސަރަބުޖީތު ސިންގް ބަންނޫ ބުނި ގޮތުގައި އިނގިރޭސި ސިކް ކޮމިއުނިޓީގެ ސަލާމަތަށް އިސްކަން ދިނުމުގެ ބަދަލުގައި އިންޑިއާ އާ އެކު ޓްރޭޑް ޑީލްތައް ހެދޭތޯ އުޅުން ސަރުކާރުން ހުއްޓާލަން ޖެހެ އެވެ. ސަރަބްޖީތަކީ އޭނާގެ ލިއުންތަކުގެ މައްސަލައިގައި އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ މީހެކެވެ.