ސަނީ ޑިއޯލް އާއި ސުނިލް ޝެޓީ ލީޑު ރޯލުން ފެނިގެންދިޔަ ހަނގުރާމަ މަތީ ފިލްމު "ބޯޑާ" ގެ ދެ ވަނަ ބައިގައި ސުނިލްގެ ދަރިފުޅު އަހާން ޝެޓީ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމު "ބޯޑާ" އަކީ 1997 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމެކެވެ. މިފިލުމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. ސަނީ އާއި ސުނިލްގެ އިތުރުން މިފިލްމުގައި ފެނިގެން ގޮސްފައިވަނީ އަކްޝޭ ކަންނާ، ޖެކީ ޝްރޮފް، ތައްބޫ އަދި ޕޫޖާ ބަޓް ފަދަ ދަރިން ހިމެނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ބޯޑާ"ގެ ދެ ވަނަ ބައެއް ހެދުމުގެ މަސައްކަތް ސަނީ އަންނަނީ ކުރަމުންނެވެ. އަދި މިފިލުމުގެ މުހިއްމު ރޯލަކު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަހާން ބޮލީވުޑަށް ނުކުތީ 2021 ގެ ފިލްމު "ތަޅަޕް" އިންނެވެ. އޭގެ ފަހުން އޭނަ މިހާތަނަށް އިތުރު އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ.

ބޯޑާ 2 ގައި ފެނިގެންދާނެ ކަމަށް ބެލެވޭ ތަރިން

އަހާންގެ އިތުރުން މިފިލުމުގައި އަޔޫޝްމަން ކްރާނާ އާއި އައްމީ ވާކް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ބޯޑަރު 2" ގެ ވާހަކަ ދެކެވެމުން އައި ނަމަވެސް މިއާ ބެހޭ ގޮތުން ޑައިރެކްޓަރު ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.