އެކަނިވެރި މައެއް ގޮތުގައި ދަރިން ބަލައި ބޮޑު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން ބުނެފި އެވެ.

ކިމް ކާޑޭޝަނާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު ހަތް އަހަރުވި ކައިވެނި ރޫޅާލާފައިވަނީ 2021 ވަނަ އަހަރު އެވެ. އެމީހުން ވަކިވިއިރު އެ ދެ މީހުންގެ ހަތަރު ދަރިން ވެސް ތިބެ އެވެ. ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަނީ ކިމް އެވެ.

ކިމް ވަރަށް ފަހު ދިން އިއްޓަވިއުއެއްގައި ބުނެފައިވަނީ އެކަނިވެރި މަޔަކަށް ދަރިން ބަލައި ބޮޑު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަަމަވެސް ދަރިން ކަންކަން ކޮށްދިނުމަކީ އޭނާ އެންމެ ހިތްހަމަޖެހިގެން ކުރާ މަސައްކަތް ކަމަށްވެސް ކިމް ބުންޏެވެ.

ކުދިން ތަރުބިއްޔަތު ކުރުމަށް ފޮތްތަކެއް ކިޔަވައި ޓްރެއިނިން ތަކެއް ހެދިޔަސް އެކަމުގެ އުނދަގޫ އެނގޭނީ ކުއްޖެއް ލިބުމުން ކަމަށް ކިމް ބުންޏެވެ. އަދި، ތައްޔާރު ވެގެން ހުރެ ދަރިއެއް ހޯދިޔަސް ބައެއް ކަންތައްތައް ދަސްވާނީ ހަމަ މަޔަކަށް ވާ ފަހުން ކަމަށް އެނާ ފާހަގަކުރި އެވެ.

ކިމް އާއި ކަންޔޭ ކައިވެނިކުރީ 2014 ގަ އެވެ. އަދި އެއީ ކިމްގެ ތިން ވަނަ އަދި ކަންޔޭގެ އަލަތު ކައިވެންޏެވެ.

ކިމް އެންމެ ފުރަތަމަ ކައިވެނި ލިރިސިސްޓް ޑޭމަން ތޯމަސްއާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ރޫޅުނީ 2004 ގަ އެވެ. އޭގެ ފަހުން ކިމް 2011 ގައި ކައިވެނިކުރީ އެމެރިކާގެ ބާސްކެޓް ތަރި ކްރިސް ހަމްފްރިސްއާ އެވެ. އެ ކައިވެނި ރޫޅުނީ 2013 ގަ އެވެ.