އަފްޣާނިސްތާނަނަށް ބާރުގަދަ ބިންހެލުމެއް އައިސް 2،000 އަށް ވުރެ ގިނަ މީހުން މަރުވެ އިތުރު އެތައް ހާސް ބަޔަކު ޒަޚަމް ވެއްޖެ ކަމުގައި ތާލިބާން ސަރުކާރުން ހާމަކޮށްފި އެވެ.

ތާލިބާނުންގެ ސަކާރުގެ މިނިސްޓްރީ އޮފް ޑިޒާސްޓާ މެނޭޖްމެންޓުން ދިން މައުލޫމާތުގައިވާ ގޮތުގައި 2،053 މީހުން މަރުވެ 9،742 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އޭގެ އިތުރުން 1،300 ގެ ވަނީ ހަލާކުވެފައި އެވެ. މިއީ މަރުވި ކަމަށް ޔޫއެން އިން ކުރިން އިއުލާން ކުރި 320 މީހުނާ އަޅާ ބަލާ އިރު ވަރަށް ބޮޑު އިތުރު ވުމެކެވެ.

އެމެރިކާ ގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ހުޅަނގު ބިތަށް އައީ 6.3 މެގްނިޓިއުޑް ބާރު މިނުގެ ބިން ހެލުމެކެވެ. އެ ރިޕޯޓުގައިވާ ގޮތުން އަފްޣާނިސްތާނުގެ ހުޅަނގު ދެކުނު ސިޓީ އެއްކަމުގައިވާ ހީރަތަށް އައި މި ބިން ހެލުމުގެ ފަހުން ބާރުގަދަ ތިން ހެލުމެއް އެ ހިސާބުގެ ބިންގަނޑު ގުޑުވައިލި އެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ބިމާ ހަމަވެފައި ހުރި ގެތަކުގެ ދަށުގައި ތާށިވެފައި ތިބި އެތައް ބަޔަކު މަރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި އެވެ. އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ ކުއްލި އެހީ އަށް އެދިފަ އެވެ.

އަފްޣާނިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ވާހިދު ރަޔަން ވިދާޅުވި ގޮތުގައި ބިންހެލުން އައި ސަރަހައްދުގެ ހަ އަވަށެއް ވަނީ އެއްކޮށް ބިމާ ހަމަވެފަ އެވެ. އެހެންކަމުން މީހުން ސަލާމަތް ކުރުމަށް އެ ގައުމަށް އެހީތެރިކަން ބޭނުންވެ އެވެ.

މިދިޔަ އަހަރު ޖޫން މަހު އައި ބިން ހެލުމެއްގައި އަފްޣާނިސްތާނުން މަދުވެގެން 1،000 މީހުން މަރުވެ 1،500 މީހުން ޒަޚަމްވި އެވެ.