ނިއުޔޯކް (25 ޖެނުއަރީ) - މޮޑާނާއިން އުފެއްދި ވެކްސިން އިނގިރޭސިވިލާތް އަދި ސައުތު އެފްރިކާއިން ފެނުނު ކޮވިޑްގެ އައު ވައްތަރާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮޑާނާއިން ބުނިގޮތުގައި އެ ކުންފުނިން ލެބޯޓަރީގައި ކުރިއަށް ގެންދިޔަ ތަހުލީލުތަކުގައި އެ ދެ ގައުމުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓް ބޭނުންކޮށްފައިވެ އެވެ. ނަތީޖާތަކުން ދައްކާގޮތުން މެޑޯނާ ވެކްސިނުން މި ދެ ވައްތަރާ ދެކޮޅަށް ވެސް މަސައްކަތްކުރާކަން ޔަގީންވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޮޑާނާ ކުންފުނިން ބުނީ ސައުތު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރުމަށް އިތުރު ވެކްސިނެއް ތައްޔާރުކޮށް ތަހްލީލުތައް ފަށާފައިވާ ކަމަށެވެ. އެ ވެކްސިން ޑޯޒުންގެ ބޭނުމަކީ ކުރިން ދެވުނު ވެކްސިން ބޫސްޓްކުރުން ކަމަށާއި އެކަމުގެ ސަބަބުން ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް ބޫސްޓުކޮށް ދޭނެ ކަމަށް ބުންޏެވެ. އަދި އޭރުން ވެކްސިންގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ވެސް މޮޑާނާއިން ބުންޏެވެ.

ސައިންޓިސްޓުން ބުނިގޮތުގައި ކޮންމެ ވައިރަސްއަކީ ވެސް ކޮންމެ ވެސް ސްޓޭޖެއްގައި ބަދަލުވަމުންދާނެ އެއްޗެކެވެ. އަދި މިއީ އަބަދުވެސް ވާނެ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ. މިފަދަ ކޮންމެ ބަދަލަކީ އެހާ ނުރައްކާތެރި ބަދަލަކަށް އަބަދު ނުވެދާނެ އެވެ. ނަމަވެސް އިނގިރޭސިވިލާތް އަދި ސައުތު އެފްރިކާއިން ފެނުނު ކޮވިޑްގެ އައު ވޭރިންއަންޓްތަކަކީ ކުރީގެ ވައްތަރާ އަޅާބަލާއިރު ބޮޑު ބަދަލުތަކެއް އައިސްފައިވާ ވައްތަރެކެވެ. މި އައު ވައްތަރު ފެތުރޭ މިންވަރު އަވަސްވެ ސަވައިވަލް ރޭޓް ވެސް މައްޗެވެ. – ޗެނެލްނިއުސް އޭޝިޔާ