ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި އަޖޭ ދެވްގަން އަދި އަކްޝޭ ކުމާރު ފެނިގެންދާ ދުންފަތުގެ އިޝްތިހާރެއް 2021 ވަނަ އަހަރު އާއްމުވުމާއެކު އެ ތަރިންނަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެ ފާޑުކިޔުންތައް ބޮޑުވެ އޭގެ ތެރެއިން އަކްޝޭ ވަނީ "ވިމަލް ޒުބާން ކޭސަރީ" ދުންފަތް ބްރޭންޑް އިޝްތިހާރު ކުރަން އެއްބަސްވުމަކީ ހެދުނު ގޯހެއް ކަމަށާއި އެއިން ލިބުނު އެއްވެސް އާމްދަނީއަކުން ފައިދާ ނުކުރާނެ ކަމަށް ބުނެ އެ ފައިސާ ސަދަގާތް ކޮށްފަ އެވެ.

އެހެން ނަމަވެސް ދާދި ފަހުން ހަމަ އެ ބްރޭންޑުން ނެރުނު އިޝްތިހާރެއްގައި އަކްޝޭ ފެނިގެން ދިއުމާއެކު އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ އޭނާ އަލުން އެ ބްރޭންޑާ ގުޅުނީ ކަމަށް ބުނެ ހަބަރު ފަތުރާފަ އެެވެ.

މި ހަބަރުތަކަށް ރައްދު ދެމުން "އެކްސް"ގައި އަކްޝޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އިޝްތިހާރު ވެސް ކުޅެފައިވަނީ 2021 ވަނަ އަހަރު ކަމަށާއި އެއްބަސްވުން އުވާލިކަން އާއްމުކޮށް އިއުލާން ކުރި ފަހުން އެ ބްރޭންޑާ ގުޅުމެއް ނުބާއްވާ ކަމަށެވެ.

އޭގެ އިތުރުން ވެސް އަކްޝޭ ވަނީ ކަމުގެ ހަގީގަތް ނުބަލާ ދޮގު ހަބަރުތައް ނުފެތުރުމަށް ވެސް މީޑިއާތަކުގެ ކިބައިން އެދިފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަކްޝޭ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިމަހުގެ ހަވަނަ ދުވަހު ރިލީޒްކުރި "މިޝަން ރަނިގަންޖް" އިންނެވެ.