މިހާރު ކުރިއަށްދާ އިޒްރޭލް- ހަމާސް ހަނގުރާމައިގެ ތެރެއިން ފާހަގަވި އެއް ހަބަރަކީ ބޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ނުޝްރަތު ބަރޫޗާ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ތާށިވެފައި ހުރި ހަބަރެވެ.

އިންޑިއާ އެމްބަސީގެ އެހީތެރިކަމާއެކު ނުޝްރަތު އިންޑިއާއަށް އަނބުރާ ގެނެސްފައިވާއިރު އޭނާގެ އެ ތަޖުރިބާއާއި އޭނާ ސަލާމަތް ކުރަން ކުރިއަށް ގެންދެވުނު "ރެސްކިއު"ގެ މައްޗަށް ބޮލީވުޑް ފިލްމެއް ހަދަން ތައްޔާރުވެފައިވާ ކަމަށް ހަބަރުތައް މިވަނީ ބުނެފަ އެވެ.

އެގޮތުން މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ނުޝްރަތުގެ ތަޖުރިބާ ދައްކުވައިދޭ އެ ފިލްމުގައި މުހިއްމު ލީޑު ރޯލަކުން އަކްޝޭ ކުމާރު ފެނިގެންދާނެ އެވެ. އެ ފިލްމާ ބެހޭ އިތުރު ތަފްސީލެއް އަދި އާއްމުވެފައެއް ނުވެ އެވެ.

އަކްޝޭ ކުމާރު ވަނީ މީގެ ކުރިންވެސް ނުޝްރަތުއާ އެއްކޮށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ނުކުތް "ރާމް ސޭތޫ"ގައި އެ ދެމީހުން އެކުގައި ފެނިފައިވެ އެވެ.

ނުޝްރަތު ވަނީ އިންޑިއާއަށް އައުމަށްފަހު އޭނާގެ ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހު އޭނާއަށް ހޭލެވުނީ ބޮމާއި ސައިރަންގެ އަޑަށް ކަމަށާއި އެއީ ވަރަށް ބިރުވެރި ތަޖުރިބާއެއް ކަމަށެވެ.

ނުޝްރަތު އިޒްރޭލުގައި ތާށިވީ އޭނާގެ ފިލްމު "އަކެއްލީ"ގެ ސްކްރީނިންގްއަށް އިޒްރޭލުގެ ވެރިރަށް ތެލް އަވީވްއަށް ގޮސް ހުއްޓާ އެ ސަރަހައްދުގައި ހަނގުރާމަ ފެށުމުންނެވެ.