އަމީތާބް ބައްޗަންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޮލީވުޑް ދުށް ސުޕަ ސްޓާރުންގެ ތެރެއިން ވެސް އެންމެ އުހުގައި ގުނާލެވޭ އެއް ފަންނާނެވެ.

އިއްޔެއަކީ އަމީތާބަށް 81 އަހަރު ފުރުނު އުފަން ދުވަހެވެ. އުމުރުން ދުވަސްވީ ނަމަވެސް އަމީތާބްގެ މަސައްކަތްތަކުން އޭނާގެ އުމުރު ފާހަގައެއް ނުވެ އެވެ.

1970ގެ ކުރީކޮޅު ބޮލީވުޑަށް ނުކުތް އަމީތާބް އެ ދާއިރާގައި މަސައްކަތް ކުރާތާ 50 އަށްވުރެ ގިނަ އަހަރު ވެފައިވީ ނަމަވެސް މިއަދު ވެސް އޭނާއަކީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެންމެ ބޭނުންވާ އެއް ތަރި އެވެ.

އުމުރުން އެހާ ދުވަސްވީއިރު ވެސް އަމީތާބް އަންނަނީ މިހާރުގެ ޒުވާން އެކްޓަރުންނާ އެއް ހަމައެއްގައި އޭނާގެ ޖާގަ ހިފަހައްޓަމުންނެވެ.

އަމީތާބްގެ ދިގު ކެރިއަރުގައި އޭނާ ތަފާތު އެތައް ފިލްމެއް ކުޅެދީފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޝޯލޭ"، "ކަބީ ޚުޝީ ކަބީ ގަމް"، "ބްލެކް" އަދި "ޕާ" ފަަދަ ފިލްމުތައް ހިމެނެ އެވެ.

ފިލްމުތަކުގެ އިތުރުން ޓީވީގައި ވެސް އަމީތާބަކީ ފާހަގަ ކޮށްލެވޭ ކާމިޔާބު ޝަހްސިއްޔަތެކެވެ. އޭނާ ހުށައަޅައިދޭ "ކޯން ބަނޭގާ ކްރޯރްޕަތީ" އަކީ މިއަދު ވެސް ގިނަ ބަޔަކު ތަރުހީބު ދޭ ޝޯ އެކެވެ.

ފިލްމީ އަދި ޓީވީގެ މަސައްކަތްތަކުގެ އިތުރުން އަމީތާބަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަމުގައި ވެސް ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ތަރިއެކެވެ. އެގޮތުން އޭނާއާއި އެކްޓަރު ރޭކާގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ އޭރު އެންމެ އަޑުގަދަކޮށް ދެކެވުނު އެއް ވާހަކަ އެވެ.

އަމީތާބާއި އެކްޓްރެސް ޖާޔާ ބައްޗަންގެ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ޝްވެތާ ބައްޗަންއާއި އަބީޝޭކް ބައްޗަން އެވެ. އަބީޝޭކް އައިޝްވާރްޔާ ރާއީއާ ކައިވެނި ކޮށްގެން އުޅޭއިރު ޝްވެތާގެ ފިރިމީހާއަކީ ވިޔަފާރިވެރިޔާ ނިކިލް ނަންދާ އެވެ.

އަމީތާބަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ އޭނާ ދިރިއުޅޭ ގެ "ޖަލްސާ" ދޮށަށް އެއްވެފަ އެެވެ. އެ އެންމެންނާ ސަލާން ކުރުމަށްޓަކައި އަމީތާބް ވަނީ އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާއެކު ބޭރަށް ނުކުމެފަ އެވެ.