އަކްޝޭ ކުމާރަކީ އިންޑިއާއަށް އޭނާގެ ހިތުގައި އޮތް ލޯބި ދެއްކުމުގައި ފަހަތަށް ޖެހޭ ފަަރާތެއް ނޫނެވެ. ގައުމީ އެކި މުނާސަބަތުތަކާ ގުޅުވައިގެން ގައުމިއްޔަތުގެ އެކި ޝުއޫރުތައް އޭނާ ފާޅުކުރެ އެވެ.

ކަން އެހެން އޮތް ނަމަވެސް އަކްޝޭއަށް ގިނަ ބައެއްގެ ފާޑުކިޔުން މެދުކެނޑުމެއްނެތި އަމާޒުވެ އެވެ. ސަބަބަކަށް ވެފައި އޮންނަނީ އޭނާއަކީ ކެނެޑާގެ ރައްޔިތަކަށް ވުމެވެ.

އެކަމަށް ރައްދުދީ އޭނާ ވަނީ ވަރަށް ފަހުން ކެނެޑާގެ ރައްޔިތުކަން ދޫކޮށްލައި އިންޑިއާގެ ރައްޔިތުކަން ލިބިގަނެފަ އެވެ. މިހާރު އޭނާ މިވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ ކެނެޑާގެ ރައްޔިތުކަން ހޯދަން ޖެހުނީ ޖެހިޖެހިގެން އޭނާގެ 14 އަށްވުރެ ގިނަ ފްލޮޕް ވުމުން ކަމަށެވެ.

"އެތަނުގައި ހުރި އަހަރެންގެ ރައްޓެއްސަކު ބުނީ ކެނެޑާއަށް އަންނާށޭ. އެކުގައި ވިޔަފާރިއެއް ކަހަލަ ކަމެއް ފަށާނީއޭ. އެކަން ކުރަން ކެނެޑާގެ ރައްޔިތަކަށް ވާންޖެހޭ" އަކްޝޭ ބުންޏެވެ.

އަކްޝޭ އިތުރަށް ބުނީ އެހެން އޮއްވައި އޭނާގެ ފަހުގެ ފިލްމުތައް ސުޕަހިޓް ވުމުން އޭނާގެ ނިންމުން ބަދަލުކޮށް އިންޑިއާގައި މަޑުކުރަން ނިންމީ ކަމަށެވެ.

"އަހަރެން ހިއެއް ނުކުރަން މީހުން އެކަމުގައި ހިފާ ދަމާނެ ކަމަކަށް. އަހަރެން އައީ އަބަދުވެސްއިންޑިއާގެ ސަރުކާރަށް ޓެކްސް ވެސް ދައްކަމުން" އަކްޝޭ ބުންޏެވެ.

ގައުމެއްގެ ރައްޔިތުކަން އަތުގައި އޮތް ނަމަވެސް ހިތާއި ރޫހުން އެ ގައުމެއް ދެކެ ލޯބިނުވާ ނަމަ ނަމެއްގައި ޕާސްޕޯޓެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އަކްޝޭ ބުނެފައިވެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަކްޝޭ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިފަހުން ނުކުތް ފިލްމު " މިޝަން ގަނިރަންޖް" އިންނެވެ.