ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅާ ބަދަލުވާ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ ފުލުހުންގެ ހިދުމަތުން ތައުލީމީ، ގާބިލް އަދި ތަޖުރިބާހުރި ބޭފުޅުން ރިޓަޔާ ކުރަން ޖެހޭ އުމުރު ހަމަނުވަނީސް އެ ހިދުމަތުން ރިޓަޔާ ކުރަން ޖެހުމަކީ ފުލުހުންގެ ހިދުމަތަށާއި ގައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ކޮންމެ ރައީސަކާއެކު ކޮމިޝަނާ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ކޮންމެ ރިޔާސީ ދައުރަކަށްފަހު ވެރިކަން ބަދަލުވާއިރު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅާ ބަދަލުވެ އެވެ. އަބްދުﷲ ރިޔާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރައްވައިފަ އެވެ.
ރިޔާޒް މިހެން ވިދާޅުވި އިރު މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަގާމުން ރިޓަޔާކުރައްވަން ވަނީ ނިންމަވާފަ އެވެ.
ސީޕީ ހަމީދު މިކަން ހާމަކުރެއްވީ ފުލުހުންގެ އިސްވެރިންތަކެއް ހިމެނޭ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖްގައި ހަމީދު ވިދާޅުވީ އޭނާއަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެފައި ކަމަށާއި އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއް ފަރާތްކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.