ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރު ޚާންއަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދައިވާ އެއް ޖޯޑެވެ.
އެ ދެމީހުންގެ ކައިވެންޏަށް 11 އަހަރު ފުރުނުއިރު އާއްމުން ބުނަމުން އަންނަނީ އެއީ ފުރިހަމަ އާއިލާއެއްގެ މިސާލެއް ކަމަށެވެ. ސަބަބުތައް ބައިވަރެވެ.
އެންމެ ފުރަތަމަ ކަމަކަށް ސައިފްއާއި ކަރީނާގެ މެދުގައި އޮތް ލޯތްބަކީ އާއްމުންނަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އެކި ފަހަރު މަތިން ސައިފް އޭނާގެ އަންހެނުންނަށް ތައުރީފް ކޮށްފައިވާއިރު އާއްމު ފެނިލުންތަކުގައި ވެސް އެ ދެމީހުން އުޅެނީ ވަރަށް ލޯބިކޮށެވެ.
ހަމައެއާއެކު އެ ދެމީހުންގެ ދެމެދުގައި އޮތް ހަމަހަމަކަމާއި އެއްބާރުލުން ވެސް އެމީހުންނަށް ސަޕޯޓުކުރާ މީހުން ފާހަގަ ކުރެ އެވެ. އެގޮތުން ގޭތެރޭގެ ކަންކަމުގައާއި ދަރިން ބެލުމުގެ ކަންކަމުގައި ވެސް އެ ދެމީހުންގެ ހަމަހަމަ ބައިވެރިވުން ފެނިގެންދެ އެވެ.
މީގެ އިތުރުން ސައިފްއާއި ކަރީނާ ގުޅުވައިދޭ އަނެއް ކަމަކީ އެ ދެމީހުންގެ ދަރިންނެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު ދަރިންގެ ކަންތައްތައް ވަރަށް ގާތުން އެ ދެމީހުން ވެސް ބަލަ އެވެ.
ކަރީނާއާއި ސައިފް ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ކުލަގަދަ ހަފްލާއެއްގައި ކަރީނާ ބޮލީވުޑްގެ ޝާހީ އާއިލާއާ ގުޅުނީ އިސްލާމީ ކައިވެންޏަކުންނެވެ.
މިއީ ކަރީނާގެ ފުރަތަމަ ކައިވެންޏަށް ވީ ނަމަވެސް ސައިފް ވަނީ އޭގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އަމްރީތާ ސިންހްއާ އެކު ހޭދަކުރި އެ ކައިވެންޏަށް ދެ ދަރިން ލިބުނެވެ. އެއީ ސާރާ އަލީ ޚާންއާއި އިބްރާހީމް އަލީ ޚާން އެވެ.