އިސްލާމް ދީނަކީ ގައުމުގެ އެންމެ ވަރުގަދަ އެއް ތަނބުކަމަށާއި އޭގެ މަތީ ގައުމު ސާބިތުކުރުމަކީ ދައުލަތާއި އާންމު ފަރުދުންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ. އިމްރާން ވިދާޅުވީ އަންނާން އޮތް ޖީލުތަކަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ސާބިތުކަމާ އެކު ބިންވަޅު ނެގި އާލާކޮށް ގެންގޮސްދިނުމަކީ މިއަދު މި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.
އިސްލާމް ދީނަކީ ދިވެހި ގައުމުގެ އެންމެ ވަރުގަދަ މައި ތަނބުކަން ދަނެ އޭގެ މަތީގައި މި ބިނާ ސާބިތުކުރުމަކީ ދައުލަތާ ފަރުދުންގެ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވި އެވެ.
"އިސްލާމީ އުންމަތުގެ ކަރަމަތާއި ޝަރަފް އަބަދުމެ ގުރުބާން ކުރުމަށް ދީން އަޅުގަނޑުމެންނާ ހަމައަށް ގެނައުމަށް ކާބަފައިން ކުރި ގުރުބާނީގެ ޒިކުރާ އާކޮށް އަޅުގަނޑުމެން އެ ޒިކުރާ ދިރުވާ އަންނާން އޮތް ޖީލުތަކާ ހަމައަށް މި އުންމަތް ސާބިތުކަމާ އެކު ގެންދަންޖެހޭ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައަށް ﷲ ތައާލާ ދެއްވާނެ އެންމެ މަތިވެރި ނިއުމަތަކީ ދީނުގެ ހިދާޔަތް ކަމަށާއި އެ ހިދާޔަތުގެ މަތީގައި އެ މުޖުތަމައެއް ބިނާވެ ސާބިތުވެ އޮތުން ކަމަށެވެ. އިސްލާމް ދީނާ އެހެން ދީންތަކުގެ ތަފާތަކީ މުސްލިމުންގެ ތެރެއިން ކިތަންމެ ބަޔަކު ދީން ނޭނގި ދީނާ ދުރަށް ދިޔަ ނަމަވެސް ބައެއް މީހުން ދީނަށް ނޫޅުނަސް ދީނުގެ އަސްލު ބެލުމަށް ބޭނުންވާ ކޮންމެ މީހަކަށް ދީނުގެ އަސްލަށް ރުޖޫއަވުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެންމެންނަކީ ދީން އެއްވަރަށް ދަންނަ ބައެއް ކަމަށް ނުވެދާނެ ކަމަށެވެ އެހެން ނަމަވެސް އެކަމާ ހުރެ އަނެކާގެ މައްޗަށް ބަރު ބަސް ބުނެ ނިކަމެތިކޮށް އިހާނެތި ކުރުމަކީ އެކަކު ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.