ފާއިތުވެ މިދިޔަ ދެތިން ހަފްތާއަކީ މުސްލިމް އުއްމަތަށް ހިތާމަވެރި ދުވަސްތަކެކެވެ. ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާނަމަ އެ ވޭނުގެ އަސަރު މުޅި ހަށިގަނޑަށް ކުރާ ފަދައިން ނިކަމެތި ޣައްޒާގެ ރައްޔިތުންގެ ހާލަތުން އެންމެހާ މުސްލިމުންގެ ލޯތައް ފެންކަޅި ކޮށްލި ދުވަސްތަކެކެވެ.

ޖައްބާރު އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ފަލަސްތީނުގެ މާތް ބިމަށް މެދުކެނޑުމެއް ނެތި އަމާޒުވަމުން އަންނައިރު އެއާ ވިދިގެން ދެން ފެނިގެން ދިޔަ މަންޒަރަކީ ދުނިޔޭގެ ހަތަރު ބައްރުގައި ތިބި އެންމެހާ މުސްލިމުން އެއް އަޑަކުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ އިންސާނީ ހައްގުތަކަށްޓަކައި އަޑު އުފުލަމުންދާ މަންޒަރެވެ.

އޭގެ ތެރެއިން އެއް ގައުމަކީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އެވެ. މީސްކޮޅު ކިތަންމެ މަދުވިޔަސް، ވަސީލަތްތައް ކިތަންމެ ހަނިވިޔަސް ފަލަސްތީނުގެ މައްސަލާގައި ދިވެހިންގެ އަޑު ގަދަވެފައި ސާފެވެ. އިސްތިއުމާރީ އިޒްރޭލުގެ ތޫނު ވަކިތަކުން ފަލަސްތީނު މިނިވަންވާން ޖެހޭ ކަމެވެ.

ފަލަސްތީނަށް ދިވެހިން ކުރާ ތާއީދު ދައްކާލަން މިިދިޔަ ހުކުރު ދުވަހު ބޭއްވުނު އެއްވުމުގެ ތެރެއިން ފޮޓޯ: އައިއޭސީ

ކަން ދިމާކުރި ގޮތުން މިފަހަރު އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައި މިވަނީ ސިޔާސީ ގޮތުން ދިވެހިން ބައިބައި ވެފައިވީ ދަނޑިވަޅެއްގަ އެވެ. ރިޔާސީ އިންތިހާބާއެކު ގައުމު ދެބަޔަކަށް ބެހި ގައުމުގެ ދާހިލީ މަސްރަހު ހަލަބޮލި ވެފައި އޮތް ދުވަސްވަރެއްގަ އެވެ.

އެހެން ނަމަވެސް ލޮބުވެތި ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށްޓަކައި އަޑު އުފުލަން ވުމުން ދިވެހިންގެ ކިބައިން ފެނުނީ ވަރަށް ވެސް ރިވެތި މިސާލެކެވެ. މުޅި ދުނިޔެއަށް ދައްކައިދިނީ މުސްލިމް އުއްމަތުގެ ދިފާއުގައި ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި އަބަދުވެސް ނުކުންނާނެ ކަމެވެ.

އެކަން އެންމެ ރަނގަޅަށް ދައްކުވައިދިނީ މިދިޔަ ހުކުރު ދުވަހު ވެރިރަށް މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ބޭއްވުނު އެއްވުމުންނެވެ. އެއާއެކު ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ ޖީބުތައް ހުޅުވާލީ ދީލަތިކަމާއެކުގަ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ޣައްޒާއަށްޓަކައި ދިވެހިންގެ ފަރާތުން ފޯރުކޮށްދެވުނު އެހީގެ އަދަދު މިލިއަނުން ގުނެ އެވެ.

އެހިސާބުން ނިމުނީއެއް ނޫނެވެ. ފަލަސްތީނަށްޓަކައި ދިވެހިންގެ ހިތުގައި އޮތް ލޯބި ދައްކައިދޭން ހަރަކާތްތައް އަދިވެސް ދަނީ ރޭވެމުންނެވެ. އެފަދަ ހަރަކާތެއް މިރޭވެސް އޮންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ. އަމަލީ ގޮތުން މިފަދަ ކަންކަމުގައި ބައިވެރި ނުވެވޭ މީހުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދިވެހިންގެ އަޑު ވަރަށް ސާފުކޮށް ދުނިޔެއަށް އަންގައިދެމުންދެ އެވެ.

ފަލަސްތީނަށް ދިވެހިން ކުރާ ތާއީދު ދައްކާލަން މިިދިޔަ ހުކުރު ދުވަހު ބޭއްވުނު އެއްވުމުގެ ތެރެއިން ފޮޓޯ: އައިއޭސީ

މިހުރިހާ ކަމަކަށް ބަލާއިރު ފާހަގަ ކުރެވެނީ އެއް ކަމެކެވެ. ދިވެހިންނަކީ ހަމަ ހަގީގަތުގައި ވެސް އެއްބައިވަންތަ ބައެއް ކަމެވެ. ވަކި ކަންކަމުގައި ޚިޔާލު ތަފާތު ވިޔަސް ގައުމާއި ދީނަށްޓަކައި އަޑު އުފުލަން ޖެހިއްޖެ ހާލަތެއްގައި ދިވެހިން އެކަތިގަނޑަކަށް ވާނެ ކަމެވެ.

ކޮންމެއަކަސް މުޅި ދުނިޔެއަށް ދިވެހިންގެ އަޑު އިއްވުން މަތީ ދެމިތިބެންވީ އެވެ. މުސްލިމުންނަށް ލިބިފައިވާ އެންމެ ވަރުގަަދަ ހަތިޔާރަކީ ދުއާ ކުރުން ކަމަށްވާއިރު ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދުއާ ކުރުން ގިނަ ކުރަންވީ އެވެ. ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ވެވުނު ވަރަކުން ބިކަވެފައިވާ އާއިލާތަކަށް އެހީގެ އަތްތައް ދިއްކުރަންވީ އެވެ.

މާތް ﷲ ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ވޭނަށް ލުއެއް ދެއްވާށި އެވެ. ނުބައި ނުލަފާ ޔަހޫދީ އިޒްރޭލުގެ ނިމުން ހިތި ކުރައްވައި މުސްލިމުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ މުޖާހިދުންނަށް ނަސްރު ދެއްވާށި އެވެ. އާމީން!