ފޭސްބުކާއި ޓެލެގްރާމް އަދި އެހެނިހެން މަންސަތަކުގައި ހުންނަ އެނިމޭޝަންތަކަކީ އަހަރެމެންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއީ ކިތަންމެ އާދައިގެ ކަމެއްކަމަށް ހީވިޔަސް ހަގީގަތުގައި މިއީ އޭގެ ފަހަތުގައި ޑިވެލޮޕަރުންގެ ބުރަ މަސައްކަތް އެކުލެވޭ ކަމެކެވެ.

އާންމުކޮށް ޑިޒައިނަރުން ބޭނުންވާ ގޮތަށް ވެބްސައިޓާއި އޭގައި ހުންނަންވާ އެނިމޭޝަންތައް ހެދުމަކީ ޑިވެލޮޕަރުންނަށް ބުރަ އަދި ވަގުތު ހޭދަވާ ކަމެކެވެ. މިކަމަށް ލުޔެއް ހޯދައިދިނުމަށް އަތުކުރި އޮޅާލީ ދިވެހި ޑިވެލޮޕަރުންތަކެކެވެ.

ރާއްޖޭގެ ކުޅަދާނަ ޑިވެލޮޕަރުން ކަމަށްވާ ނަސްރުﷲ އަދުނާން (ނައްޓު)، ޝާފިއު ހުސައިން، މާއިލް ރަޝީދު، އަދި ނާއިލް އަބްދުލްރަހްމާން (ކުޑަނާއި) ގުޅިގެން އުފެއްދި "ލޮޓީފައިލްސް" މިވަނީ އެނިމޭޝަންގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސް، ކުރިން އުނގަދޫވެގެން ނުކުރަން އެންމެން ފިލަން ދުވާ ކަންތައް ފަސޭހަކޮށްދީފަ އެވެ.

ލޮޓީފައިލްސް އިން ހާއްސަ އެކްސްޓެންޝަނެއް ބޭނުންކޮށްގެން އާފްޓާ އިފެކްޓްގައި ހަދާ އެނިމޭޝަންތައް ޑިވެލޮޕަރުންނަށް ފަސޭހަ ޑޭޓާ ފޯމެޓަކަށް ބަދަލުކޮށްލަ އެވެ. މި އެނިމޭޝަންތައް ހުންނަނީ ފަސޭހައިން ވެބް އަދި މޮބައިލް އެޕްލިކޭޝަންތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށެވެ. މި މަސައްކަތަށް އެއާބީއެންބީއާއެކު އަތުގުޅާލައިގެން އެ އެނިމޭޝަން ފައިލްތަކަށް "ލޮޓީ"ގެ ނަން ދެވުނެވެ. މި ފޯމެޓްގައި ފައިލް ސައިޒް ކުޑަކޮށް ކޮލިޓީ ރަނގަޅު އެނިމޭޝަންތައް ތައްޔަރުކޮށްލެވެ އެވެ. މިއާއެކު ޑިޒައިނަރުންނަށް ޑިވެލޮޕަރުންނާ ނުލާ މި ލޮޓީތައް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި "ލޮޓީފައިލްސް" ވުޖޫދަށް ގެނެ އެވެ.

ލޮޓީފައިލްސް ވެބްސައިޓަށް ޖެހެނީ މި އެނިމޭޝަން ފައިލް "ޑްރެގް އެންޑް ޑްރޮޕް" ކޮށްލާށެވެ. އޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑިޒައިނަރުން ޑިވެލޮޕަރުންގެ އެހީއަކާ ނުލާ އެ މީހުންގެ މަސައްކަތްތައް އަޕްލޯޑްކޮށް ޓެސްޓްކޮށް ހަދަން ފެށި އެވެ. އަދި އެ އެނިމޭޝަންތައް ޑައުންލޯޑްކުރަން ބޭނުންވާ މީހުން ޑައުންލޯޑްކޮށް އިސާހިތަކު ލޮޓީފައިލްސް ވަރަށް ވައިގަ ހިފި އެވެ. އެތަނުގެ ހިދުމަތް ފުޅާވެ މިހާރު ދުނިޔޭގެ އެއްމިލިއަނަށް ވުރެ ގިނަ މީހުންނާއި 65،000 އަށް ވުރެ ގިނަ ކުންފުނިން ބޭނުންކުރެ އެވެ.

ލޮޓީފައިލްސްއަށް ލިބެން ފެށި މަގުބޫލުކަމާއެކު ގޫގަލް، އެއާބީއެންބީ، ޓިކްޓޮކް، ޑިސްނީ އަދި ނެޓްފްލިކްސްއިން ވެސް މިވަނީ ލޮޓީފައިލްސް ބޭނުންކުރަން ފަށާފަ އެވެ.

ދެހާސް އަށާރަވަނަ އަހަރު ވުޖޫދަށް އައި މި ކުންފުންޏަށް މިހާރު މިވަނީ މައިކްރޯސޮފްޓުން އިންވެސްޓްކުރަން ވެސް ނިންމާފަ އެވެ.

ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ޓެކްކްރަންޗް ވެބްސައިޓްގައި ބުނެފައި ވަނީ ބޮޑު ބައި މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ދީގެން ލޮޓީފައިލްސް އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިން ދޭނެކަން އިއުލާންކުރީ އިއްޔެ ކަމަށެވެ. އޭގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ލޮޓީފައިލްސްގެ ކޯ-ފައުންޑަރު އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ނަސްރުﷲ އަދުނާން (ނައްޓު) ވިދާޅުވީ ލޮޓީފައިލްސްގެ އަމާޒަކީ ލޮޓީއަކީ ޖޭޕެގް އަދި އެމްޕީ3 ފަދަ ފޯމެޓްތަކެކޭ އެއްގޮތަށް މުޅި ދުނިޔޭގައި އެންމެން ހުރިހާ އެއްޗެއްގައި ވެސް އާއްމުކޮށް ބޭނުންކުރާ ފޯމެޓަކަށް ހެދުމަށެވެ. އަދި މައިކްރޮސޮފްޓުން އިންވެސްޓުކުރަން ނިންމި ނިންމުމަކީ އެ ކުންފުނިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޮޓީ ފައިލްސްގައި ދިވެހި 11 ޑިވެލޮޕަރުން މިހާރު ވެސް މަސައްކަތްކުރެ އެވެ. މީގެ ތެރެއިން ބައެއް މީހުން ރާއްޖޭގައި ތިބެގެން ވެސް މަސައްކަތްކުރާ ކަމަށް ނައްޓު ވިދާޅުވި އެވެ.

ލޮޓީ ފައިލްސްގެ ކޯ ފައުންޑަރުން ކަމަށްވާ ނަސްރުﷲ އަދުނާނާއި ސީއީއޯ ޝިތިޖު މިންގްލާނީ.

ލޮޓީ ފައިލްސްގެ ކޯ ފައުންޑަރުންގެ ގޮތުގައި ހިމެނެނީ ނައްޓުގެ އިތުރުން އިންޑިއާގެ ސީއީއޯ ޝިތިޖު މިންގްލާނީ އެވެ.

ދިވެހި ޑިވެލޮޕަރުން މުގުލުގައި ތިބެގެން ފައްކާ ކުރި ލޮޓީފައިލްސް އިން ހޯދި ކާމިޔާބީއަށް ރާއްޖެއާއި ރާއްޖޭގެ ބޭރުގެ އެކި ފަރާތްތަކުން މަރުހަބާ ކިޔަމުންގެންދާ އިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ލޮޓީފައިލްސްގެ ޓީމަށް މަރުހަބާ ވިދާޅުވެ ޓުވީޓު ކުރައްވާފަ އެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލޮޓީފައިލްސް މަގުބޫލު ވެގެންދިޔައީ ޖިފް ފައިލަކަށް ވުރެ 600 ޕަސެންޓް ކުޑަވުމުގެ އިތުރުން ކޮންމެ ޕްލެޓްފޯމެއްގައި ވެސް ބޭނުންކޮށްލެވޭ ފޯމެޓަކަށް ވުމުންނެވެ.

"އަހަރެމެންގެ ސައިޓަށް ޑްރެގް އެންޑް ޑްރޮޕްކޮށްގެން ބަލައިލީމަ އެބަ ފެނޭ އެނިމޭޝަން ހުންނަ ގޮތް. ޝެއާ ވެސް ކުރެވޭ. ކުލަ ބަދަލުކޮށް, އަޕްޑޭޓްކޮށް މި ހުރިހާ ކަމެއް ކުރެވޭނެ. އެހެންވެގެން, ގޫގްލް ކަހަލަ ބޮޑެތި ކުންފުނިތަކުން އަހަރެމެން މި ބޭނުންކުރަނީ ޚިދުމަތެއްގެ ގޮތުގައި،" ނައްޓު ވިދާޅުވެފައިވެ އެވެ.

"މިހާތަނަށް ލޮޓީއަކީ ކޯއްޗެއްކަން ނޭނގުނަސް, ލޮޓީއެއް ފެނިފައި ހުރެދާނެ. މިސާލަކަށް ޓްވިޓާގެ ހާޓް މިހާރު އެ ހުންނަނީ ލޮޓީން. ޓެލެގްރާމްގެ ހުރިހާ އެނިމޭޓެޑް ސްޓިކާތަކަކީ ލޮޓީ. ގާޑިއަން އާއި ނިއު ޔޯކް ޓައިމްސްގެ އިންފޯގްރެފިކްތަކުގައި ވެސް ލޮޓީ ބޭނުންކުރަން ފަށައިފި."

"ހުރިހާ" ގެ ޓީމުން އެދެނީ ލޮޓީފައިލްސްގެ ޓީމަށް ނުހަނު ގިނަ ކާމިޔާބީއަށެވެ.