އިޒުރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އިނގިރޭސި ވިލާތުގެ ލަންޑަނުގެ މަގުތަކަށް ލައްކައަކަށް ވުރެ ގިނަ މީހުން ނުކުމެ ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލައިފި އެވެ.
ފަލަސްތީން މިނިވަންކުރުމަށާއި އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލައި ލިޔެފައި ހުރި ލިއުންތަކާ އެކު އެއްވި މީހުން ވަނީ އިޒުރޭލުގެ އުދުވާން ވަގުތުން ހުއްޓާލުމަށް ގޮވައިލައި އަޑު އުފުލައިފަ އެވެ.
ލަންޑަނުގެ ހައިޑު ޕާކަށް އެއްވި މީހުން ވަނީ އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާއި އޮފީސް ހުންނަ މަގު ކަމުގައިވާ ޑައުނިން ސްޓްރީޓު ތެރެއިނ ގޮސް ލަންޑަން ސިޓީ ސެންޓަރުގެ ހުރިހާ މައިގަނޑު މައިދާން ތަކުގައި ހިނގައިފަ އެވެ.
ލަންޑަން މެޓްރޮޕޮލިޓަން ޕޮލިހުން މައުލޫމާތުދިން ގޮތުގައި މި އެއްވުމާ ގުޅިގެން 10 މީހަކު ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުން ހައްޔަރު ކުރީ ފަޔަވޯކްސް ގެންގުޅުމާއި ފުލުހުންނަށް ހަމަލަ ދިނުން ފަދަ ކުށްތަކުގެ ތުހުމަތުގަ އެވެ.
"އަހަރެމެން އެންމެން މި ތިބީ އެއް މެސެޖެއް ދިނުމަށް އެކަތިގަނޑަކަށް ވެގެން. އަހަރެމެން ބޭނުން ވަނީ އަނިޔާވެރިކަން ވަގުތުން ހުއްޓާލަން. އަހަރެމެން ބޭނުން ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލައި ގާޒާ އަށް ބޭނުންވާ އިންސާނީ އެހީ އާއި ސަލާމަތްކަން ފޯރު ކޮށް ދިނުން،" ފަލަސްތީނާ އެއްބައިވަންތަ ކެމްޕޭންގެ ޑައިރެކްޓަ ބިން ޖަމާލް، އެކްސް (ކުރީގެ ޓްވިޓަ) ގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ. ޖަމާލް އިތުރަށް ލިއުއްވާފައިވާ ގޮތުގައި ހަމަނުޖެހުން ނިމޭނީ އޭގެ އަސްލަށް ރިއާޔަތްކޮށް ހައްލު ހޯދިގެންނެވެ. ޖަމާލު އެ އިޝާރާތް ކުރެއްވީ އިޒުރޭލުން ގާޒާ ހިސާރުކޮށްފައި އޮންނަ މައްސަލަ އަށެވެ.
ލަންޑަނުގެ އެއްވުމުގެ އިތުރުން އިނގިރޭސި ވިލާތުގެ ބޮޑެތި އެހެން ސިޓީތަކުގައި ވެސް އިއްޔެ ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް އުދުވާން ނިމުމަކަށް ގެންނަން ގޮވައިލައި ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ.
ގާޒާ އަށް އިޒުރޭލުން ހަމަލަދޭން ފެށުމާ އެކު އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވަނީ އޭނާގެ އެއްވެސް ހިފެހެއްޓުމެއް ނެތް ތާއީދު އިޒުރޭލަށް އޮތްކަން ހާމަކުރައްވައި އިޒުރޭލަށް ވަޑައިގެން ހަނގުރާމަ ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ހިތްވަރު ދެއްވައިފަ އެވެ.