ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ އެމެރިކާގެ ބައެއް ސްޓޭޓްތަކުން އިންސްޓަގުރާމްގެ ބެލެނިވެރި ކުންފުނި މެޓާއާ ދެކޮޅަށް ކޯޓު މައްސަލައެއް ހުށައަޅައިފި އެވެ.
އެ މައްސަލާގައި ބުނެފައިވަނީ އިންސްޓަގްރާމްގައި ކުޑަކުދިންނާއި ޒުވާނުން ދެވިހިފާ ފަދަ ކަންކަން ހިމަނާފައިވާ ކަމަށާއި އެއީ އޮޅުވާލައިގެން ޒުވާނުންގެ ސިކުނޑިތަކާ ކުޅުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.
އެގޮތުން މެޓާއިން އެމެރިކާގެ ކުޑަކުދިން ހިމާޔަތްކުރާ ގާނޫނާއި ވިޔަފާރި ކުރުމުގެ ގާނޫނާ ވެސް ޚިލާފުވެފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
ނިއުޔޯކްގެ ގާނޫނީ ވަކީލަކު ބުނީ އިންސްޓަގްރާމްއާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ އެމެރިކާގެ ކުޑަކުދިންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވާ މައިގަނޑު އެއް ސަބަބު ކަމަށެވެ.
މިކަމާ ގުޅޭގޮތުން މެޓާއިން ބުނީ އެކުންފުންޏާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށާއި އެ ކުންފުނީގެ ކަސްޓަމަރުންގެ ރައްކާތެރިކަން ޔަގީންކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.