ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ ނަމަ ހާޒިރީ އިނާޔަތް ލިބޭނީ ޕޭ ފްރޭމްވޯކުގެ ދަށުން ޝިފްޓް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް އެކަނި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ބަންދު ދުވަސްތަކުގައި އޮފީހަށް ނިކުންނަ ނަމަ އިނާޔަތް ލިބޭ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުވަނީ ކުރިން ނިންމަވާފަ އެވެ. އަދި އެނިންމެވުމާ އެކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްލާހެއް ގެނެސްފަ އެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް ހަދީޖާ ޖަމީލާ ވިދާޅުވީ މީގެ ކުރިން ޕޭ ފްރޭމްވޯކް އޮތްގޮތުން ބަންދު ދުވަސްތަކުގައި އޮފީހަށް ނިކުތުމުން އިނާޔަތް ލިބެމުން ނުދާ ކަމަށެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން ޕޭފްރޭމް ވޯކްއަށް ގެނެސްފައިވާ އިސްލާހާއި އެކު ޕޭފްރޭމް ވޯކަށް ބަދަލުވެފައި ތިބި މުވައްޒަފުންގެ ތެރެއިން ޝީފްޓް ޑިއުޓީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބަންދު ދުވަސްތަކުގައި އޮފީހަށް ނިކުމެއްޖެ ނަމަ އެލަވަންސް ލިބޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 22 ވަނަ ދުވަހު އާންމު ކުރި ޕޭފްރޭމްގެ އިސްލާހުގައި ވާގޮތުން ބަންދު ދުވަސްތަކުގައި އޮފީހަށް ހާޒިރުވާނަމަ އެލަވަންސް ދިނުމަށް ވަނީ ނިންމާފަ އެވެ.

ބަންދު ދުވަހު އޮފީހަށް ހާޒިރުވާ ނަމަ ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ރައީސް ނިންމަވާފައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓާގައި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒިފުންގެ ފަރާތުން ހުށައަޅާފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ފަހު ކަމަށް އެމަނިކުފަނު ވަނީ ވިދާޅުވެފަ އެވެ.