އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޝިލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެންޑީއެފް) އިން ދީފި އެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެނައީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު ދީފައިވާނެ ކަމަށެވެ.

އެ އޮތޯރިޓީން ބުނިގޮތުގައި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް ހަމަ އެކަނި އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކަމަށެވެ.

އެ ވެލްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ޓެކްނިކަލް ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

މާބަނޑު މީހުންނަށް އެ ވެކްސިން ދިނުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ އާންމުކޮށް ކޮންމެ ވެކްސިނަކީވެސް އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް އަންނާނެ ކަމަށާއި މި ވެކްސިން މީހުންނަށް ދިނުމުން ދިމާވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓަކުރަމުން ދާނެ ކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.