އަންނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަށް ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓުގައިވާ ގޮތުން އެންމެ ބޮޑު ހަރަދެއްކުރާ އެއް ދާއިރާކަމަށް ކަނޑައަޅަފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެގޮތުން އަންނަ އަހަރު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ދަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މުސާރައިގައި ހުރި ފަރަގުތައް ކުޑަކޮށް މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރަމުންނެވެ.

އަދި ސަރުކާރުން ވަނީ އަންނަ އަހަރު ތެރޭ ވެސް އިތުރު ދާއިރާތަކެއްގެ މުސާރަތައް ބޮޑުކުރުމަށް ނިންމައިފަ އެވެ.

ސަރުކާރުން ދަނީ ސަލާމަތީ ހިދުމަތްތާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި, މިނިވަން މުއައްސަސާތަކުގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގަނައުމުގެ މަސައްކަތް ކުރަމުންނެވެ.

ފާއިތުވީ އަހަރުތަކުގައި ގާނޫނުތަކަށް އައި ބަދަލުތަކާއި، އަލަށް ފަށާ ޕްރޮގްރާމުތަކާއި މަޝްރޫޢުތަކުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. މިގޮތުން ފާއިތުވީ އަހަރުތަކުގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް ނިމި، އަލަށް ހުޅުވާ އެއާޕޯޓްފަދަ މަޝްރޫޢުތަކުގެ ސަބަބުން ވެސް ދައުލަތުގެ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައިކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވަ އެވެ.

އަންނަ އަހަރު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 11.9 ބިލިއަން ރުފިޔާ ހިނގާނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ. މިއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔެވެ. މި ހަރަދުގެ އެންމެ ބޮޑު ހިއްސާއަކީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާނެކަމަށް ބެލެވޭ ދާއިރާއަކީ ވެސް ތަޢުލީމީ ދާއިރާ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.