މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު އުސޫލާ ހިލާފަށް ބަހާލަން އުޅޭ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އާންމުންގެ މީހަކު އޭސީސީއަށް ހުށަހެޅި މައްސަލަގައި ބުނެފައިވަނީ، ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން، ފުރަތަމަ ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ 4،000 ފްލެޓް ހަވާލުކުރުމަށް އެންމެ އިންސާފުވެރި ގޮތަކީ ފޮއިންޓް ލިބިފައިވާ ތަރުތީބުން ފްލެޓްތައް ހަވާލު ކުރުން ކަމަށެވެ.

ނަމަވެސް ފްލެޓް ލިބުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތް މިހާތަނަަށް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ. ފްލެޓް ހަވާލުކުރާނީ ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބަލާފައިކަމަށް ބުނެފައިވީ ނަމަވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އެކަން ކޮށްފައި ނުވާކަމަށާއި، އެކަމަށް މިހާރު ވަގުތެއް ވެސް ނެތް ކަމަށް ސިޓީގައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ، އާންމު އުސޫލާ ހިލާފަށް، ސިއްރު އުސޫލެއްގެ ތެރެއިން، 4،000 ފްލެޓް އިންތިގާލީ މަރުހަލާގެ ފަހު ދުވަސްކޮޅު އިންސާފްވެރިކަމާއެކު ހަވާލުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ ދެން އުފެދިގެންދާ މައްސަލަތައް ހައްލުކުރުން އަންނަ ސަރުކާރަކަށްވެސް ފަސޭހަ ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ހައުސިން މިނިސްޓްރީން ވަނީ 13،000 މީހުން ޝަރުތު ހަމަވާ ކަމަށާއި އެ އެންމެނަށް ފްލެޓު ދޭނެ ކަމަށް ބުނެފަ އެވެ. ސަރުކާރުން ފުރަތަމަ މަސައްކަތް ކުރަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ 4،000 ފްލެޓު ދިނުމަށެވެ.