ސްޓާބަކްސްއިން ވެސް އެންމެ ފަހުން ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާފައި "ސިޕީ ކަޕް" ބޭނުންކުރަން ނިންމައިފި އެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސްޓާބަކްސްއިން ވަނީ 2020 ވަނަ އަހަރު އެމީހުންގެ ހުރިހާ އުފެއްދުންތަކުގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާނެކަން އިއުލާނުކޮށްފަ އެެވެ. އެއާއެކު ތަށީގައި ބޮވޭތަނެއް ހިމެނޭ ޕްލާސްޓިކް މަތިގަނޑެއް މިވަނީ ތައާރަފުކޮށްފަ އެވެ.

އެހެން ނަމަވެސް ހޮޅި ބޭނުންވާ ބުއިންތައް އަދިވެސް ހުންނާނެ އެވެ. މިސާލަކަށް ފްރެޕަޗީނޯ އާއި ވިޕްޑް ކްރީމް ހިމެނޭ އެހެން ބުއިންތައް އަދިވެސް ވިއްކާނީ ހޮޅިއަކާއެކު އެވެ. އެހެން ނަމަވެސް ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާނީ ކޮންމެވެސް އެހެން މެޓީރިއަލްއެއްގެ ހޮޅިއެކެވެ.

ހޮޅި ބޭނުންނުވާ މަތިގަނޑުތައް މި މަސް ނިމުމުގެ ކުރިން އެމެރިކާއާއި ކެނެޑާގައި ހުންނަ ސްޓާބަކްސްގެ ސްޓޯރުތަކުގައި ބޭނުންކުރަން ފަށާނެ އެވެ. މި މަތިގަނޑުތަކުގައި ބޭނުންކޮށްފަައި ހުންނާނީ ރިސައިކަލް ކުރެވޭ ބާވަތުގެ ޕްލާސްޓިކެކެވެ.

ޕްލާސްޓިކް ހޮޅީގެ ސަބަބުން ކަނޑުތައް ތަޣައްޔަރު ވުމުގެ އިތުރުން ކަނޑުގައި ދިރިއުޅޭ އެކި ދިރުންތަކަށް ނޭދެވޭ އަސަރު ކުރުވަ އެވެ. ސްޓާބަކްސް އިން ބުނާގޮތުން އެ ކުންފުނިގެ އަމާޒަކީ އަހަރެއްގެ މައްޗަށް އެއް ބިލިއަން ޕްލާސްޓިކް ހޮޅި ބޭނުންކުރުން މަދުކުރުމަށެވެ.