ސައުތު އެފްރިކާގެ އަސްކަރިއްޔާއިން އެގައުމުގެ މުސްލިމު އަންހެން ސިފައިންނަށް ޔުނިފޯމާއެކު ބުރުގާ އެޅުމުގެ ހުއްދަ ދީފި އެވެ.

އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ސައުތު އެފްރިކަން ޑިފެންސް ފޯސް (އެސްއެންޑީއެފް)އިން ވަނީ އެ މީހުންގެ ޔުނިފޯމް ޕޮލިސީ އިސްލާހުކޮށް މުސްލިމް އަންހެން ސިފައިންނަށް ޔުނިފޯމާއެކު ބުރުގާ އެޅޭނެ ގޮތް ހަމަޖައްސައިދީފަ އެވެ.

އަސްކަރިއްޔާއިން ވަނީ 2018 ވަނަ އަހަރު އަސްކަރިއްޔާގެ މަސައްކަތްކުރާ މޭޖާ ފާތިމާ އިސާކް ޔުނިފޯމާއެކު ބުރުގާ އެޅުމުން އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުލާފަ އެވެ. އަސްކަރީ އަމުރުތަކަށް ތަބާނުވުމާއި އަސްކަރީ ގަވާއިދުތަކަށް އިހްތިރާމް ނުކުރާކަމަށް ބުނެ އަސްކަރިއްޔާއިން އުފުލި ދައުވާތައް ވަނީ ފަހުން އަނބުރާ ގެނެސް ކަންފަތް ފެންނަ ގޮތަށް ބުރުގާ އެޅުމުގެ މައްސަލައެއް ނެތް ކަމަށް އަންގާފަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ފާތިމާ ވަނީ ދީނު އުސޫލުތަކާ ހިލާފު ގަވާއިދުތަކެއް އަސްކަރިއްޔާއިން ގެންގުޅޭ ކަމަށާއި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ސައުތު އެފްރިކާގެ ކޯޓެއްގައި އަސްކަރިއްޔާއާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

މިކަމާ ގުޅިގެން ސައުތު އެފްރިކާގެ އަސްކަރިއްޔާއިން ވަނީ އެންމެ ފަހުން މިކަންކަމަށް އެއްބަސްވެ އެމީހުންގެ ޔުނިފޯމް ޕޮލިސީ އަށް އިސްލާހު ގެނެސްފަ އެވެ.

ސައުތު އެފްރިކާގެ ގާނޫނުގައި އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ދީފައިވެ އެވެ. އަދި ދީނީ ތަފާތުކުރުންތަށް މަނާ ކޮށްފައިވެ އެވެ. 2017 ވަނަ އަހަރު ސައުތު އެފްރިކާގެ ޖޮހަނަސްބާގްގެ ސްކޫލަކުން ވަނީ އެ ސްކޫލުގެ އަންހެން ދަރިވަރުން ބުރުގާ އަޅާނަމަ ހުއްދަ ދިންކަމުގެ ކާޑެއް އަބަދުވެސް އަތުގައި އޮންނަން ޖެހޭނެ ގޮތަށް ފާސްކޮށްފައިވާ ގަވާއިދެއް ގިނަ ބަޔެއްގެ ފާޑުކިޔުންތަކާއި ހެދި އުވާލާފަ އެވެ.

ސައުތު އެފްރިކާގެ 50 މިލިއަން މީހުންގެ އާބާދީގައި މުސްލިމުން ހިއްސާ ކުރަނީ އެންމެ 2 ޕަސެންޓެވެ.